Sunday, March 30, 2008

ދިވެހި ޒަމާނީ ކަރާމާތް



އެކި ޒާތްޒާތުގެ ކަރާމާތްތައް ފެންނަކަމަށް ދައުވާކުރުމަކީ ދީންތަކުގެ އާދައެކެވެ. މިހިނގާ 2008 ވަނައަހަރުގެ "ކަރާމާތް ސީޒަން" ފެށިފައިވަނީ މާޗްމަހުގެ ތެރޭގައި ހިކިފަތުން ﷲ ގެ އިސްމުފުޅު އެޅިގެންނެވެ. މާލޭގައި ތާޖުއްދީން ކައިރީ ހިނގި މި "ކުޅަދުންވަންތަކަމުގެ ހެކި" ބަލާލަން އެތައްބައިވަރު ބަޔަކު އެތަނަށް އެއްވިއެވެ. އޭގެ ފަންސަވީހަކަށް ދުވަސްފަހުން އަނެއްކާވެސް އެފަދަ ކަމެއް އަނެއްކާވެސް މިވަނީ ހިނގާފައެވެ. މިފަހަރު ވީގޮތަކީ މަޖީދީމަގުގައި ހުރި ފޯނު ވިއްކާ ފިހާރައެއްގައި އަލިފާން ރޯވެ އެތަނުގައި ހުރި ގިނައަދަދެއްގެ މުދަލާއި ފައިސާ އަނދާހުލިވި އިރުވެސް އެތަނުގައި އޮތް ގުރުއާން ހަތީމަކަށް ހަމައެއްވެސް ގޮތެއް ނުވީޔޯލައެވެ. އޭގެ އަޑިގާ ހުރި ޕުލާސްޓިކުވެސް އަނދާހުލިވެފައިވާކަމަށް އަދާލަތުޕާޓީން ބުނެއެވެ. މިއީ ސުނާމީގައި މިސްކިތްތައް ހަލާކުނުވެ ހުރުން ފަދަކަމެއްކަމަށް އެމީހުން ދެކެއެވެ.

ދެން މިވާހަކަ ދެކެވުނީމާ ހަނދާންވަނީ މިސްކިތްތަކަކީ ރަށްރަށުގައި އެއްމެ ބޮޑު ހަރަދުކޮށް އެއްމެ ވަރުގަދަޔަށް އަޅާ އިމާރާތްތައްކަމެވެ. އަދި ސުނާމީ އަރާފައި ފައިބައިގެން ދިޔައިރު ގެއެއްގެ ބަދިގޭގައި ތަތްކޮށްފާހުރި މައުމޫނު ގެ ފޮޓޯގަނޑަކާ އެގޭ ކޮޓަރިއެއްގެ މޭޒުމަތީ އޮތް މިލްސްއެންޑްބޫންސް ވާހަކަފޮތެއްނޫން އެހެން އެއްޗެހި ރާޅާއެކު ގެއިން އަދި މުޅި އެ ސަރަހައްދުންވެސް ބޭރަށް ދަމާގެންގޮސް ގޭގެ ފުރާޅުވެއްޓިފައިވާތީ ގިނައަދަދެއްގެ ބަޔަކަށް ފެނިފައިވެއެވެ. އަނެއްކާ މިލްސްއެންޑްބޫންސް އަކީ މުގައްދަސް ފޮތެއްބާއެވެ؟ މައުމޫނަކީ ރަސޫލެއްބާއެވެ؟

މީގެކުރިންވެސް މިކަހަލަ ކިތައްމެ ކަމެއް ރާއްޖޭންފެނިފައިވެއެވެ. މިސާލަކަށް ސައިހޮޓަލެއްގެ ދުފާތަބަކުން ފޯއްފޮއްޗެއްގައި ﷲ އެޅިފައިވުން،ގެއެއްގެ ފާރުގައި އަދި ބޭނި މަހެއްގެ ބަނޑުދަށުގައި ﷲ ގެ އިސްމުފުޅު އެޅިފައިވުން ފާހަގަކޮށްލެވެއެވެ. އަދި މުޅި ދުނިޔެއަށްބަލާއިރު އަދަދު ނުކުރެވޭހާގިނައިން މިކަހަލަ ވާހަކަތައް ދެކެވެއެވެ. މިތަނުގައި މިހިރީ މީގެ ބައެއް ފޮޓޯއެވެ.

މިހާހިސާބުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. ﷲ ގެ 99 އިސްމުފުޅު ހުންނައިރުގައިވެސް އެއިން އެހެން އިސްމުފުޅެއް އަޅާނުލަނީ ކީއްވެބާއެވެ؟ މިސާލަކަށް ރާއްޖޭގެ މީހުންނަށް ބިރުދައްކަން ބޭނުމިއްޔާ އަލްމުމީތު ނުވަތަ އަލްޞައްރު ފަދަ އިސްމެއް ބޭނުންކުރީމާ މެސެޖު ސާފުވާނެ ކަމަށް ބެލެވެއެވެ. ދެން އަނެއްކަމަކީ ﷲ ގެ ބަހަކީ އަރަބިބަސްބާއެވެ؟ ދިވެހިރާއްޖޭގައި ނަމަ ދެން ތާނައިން ﷲ ގެ އިސްމު ނުލިޔެވެއެވެ. އެކަމު އިނގިރޭސިވިލާތުގައި ވެސް ހަމަ ކަރާމާތްފެންނަނީ އަރަބި އަކުރުން އެޅިފައި ހުއްޓާއެވެ. މީގެ ހިކުމަތަކީ ކޮބައިބާއެވެ؟ ދެން އޮތީ އެއްމެ މުހިއްމު އެއްސުވާލެވެ. މިސާލަކަށް މި އިސްމުފުޅު ނުބައި ތަނެއްގައި އެޅިއްޖެނަމަ ހަދާނީ ކިހިނަކުންބާއެވެ؟ މިސާލަކަށް ފާހާނާ ތަށިތެރޭގައި (ނަޖިހުން) ނުވަތަ މީހެއްގެ ކުރިމަތީފަރާތުގައި އެޅިއްޖެނަމަޔޯ؟ މިހެން އަހަން މިޖެހެނީ އެއްމެފަހުން ގެއެއްގެފާރުން މި އިސްމު ފާޅުވީ ފަހަރު ސޭހުރަޝީދު (މަތީމަޖިލީހުގެ ރައީސް) ވަނީ އެއީ ކަރާމާތެއް ނޫންކަމަށް ބުނެފައެވެ. ގެއެއްގެ ފާރުވީމާ ކަމުނުދިޔައީވެސް ތޯއްޗެކެވެ.

މީގައި ފާހަގަ ކުރަންޖެހޭ އަނެއްކަމަކީ މިކަހަލަ "ކަރާމާތް" ހުރިހާދީންތަކެއްގެ މީހުންނަށްވެސް ފެނެއެވެ. އެހެންކަމަށްވާނަމަ އެއީ އެމީހުންގެ ދީން ތެދުކަމުގެ މައްޗަށް ދަލީލަކަށް ނުވާނެބާއެވެ؟ މިގޮތުން ކުރިސްޓިއަން ކެތަލިކުންނަށް މަރިޔަމްގެފާނުގެ އެކި ސިފަސިފައިގާ އެކިފަހަރުމަތިން ފެންނަނީކީ ލާހިކު އަދަދަކަށް ނޫނެވެ. އެތައް ސަތޭކަ ބަޔަކަށް އެއްފަހަރާވެސް ފެނިފައި އެބަހުއްޓެވެ. މަރިޔަމްގެފާނުގެ ސިފަފުޅު ވިލާގަނޑުގެ ތެރޭންނާއި ގަސްގަހާގެހިން ފެނިފައިވާކަމަށް އެމީހުން ދައުވާކުރެއެވެ. އަދި ހަމައެހެން ހިންދޫއިންގެ "އެތްކަލާނގެ"، ގަނޭޝާގެ ބުދެއް ކިރުބުއިވާހަކަ އެތައްބައިވަރު ބަޔަކު ރިވާކޮށްފައިއެބަހުއްޓެވެ. އެސޮރު އެއްމެފަހުން މިކަން ކުރިކަމަށްވަނީ 2006 ވަނައަހަރުގެ ތެރޭގައެވެ. ވީމާ ﷲ ތަނެއްގައި އެޅިފައުވުން އެއީ އިސްލާމްދީނުގެ ތެދުކަން ހާމަކުރާކަމަކަށް ނުބެލެވެއެވެ. އެހެންވީޔާ މިހުރިހާދީނެއްވެސް ތެދުކަން އެހާމަވަނީއެވެ. ފަހަރެއްގައި "ﷲ" މި އިސްމު ލިޔެފައި އޮންނައިރު އެހުންނަ ބައްޓަމަށް ދުނިޔޭގެ އެހެން ބަހެއްގައި އެހެން މާނައެއްވެސް ދެވިފައިވެދާނެއެވެ. މިބައްޓަމައް އެއްޗެއް ހުރެއްޖެ ނަމަ އެއީ ކަރާމާތަކަށް ވާންވީ ސަބަބެއްނެތެވެ. ދެން އަލިފާން ރޯވެ ތަނެއް ހުލިވި އިރު ގުރުއާން ނާނދާ އޮތުންވެސް ހަމަ މިފަދައެވެ. ކުރިން މި ބުނި މިލްސް އެނޑްބޫންސް ފޮތާއި މި ގުރުއާން ސަލާމަތް ވުމުގައި ތަފާތަކީ ކޮބާތޯއެވެ؟ ވަނީ އެއްމެ ތަފާތެކެވެ، އެއީ ގުރުއާން އެއީ ބަޔަކުމީހުންނަށް މުގައްދަސް ފޮތަކަށް ވުމެވެ.

މިއާއި ދާދި އެއް ކަހަލަ "ކުރިސްޓިއަން ކަރާމާތެއް" ދާދިފަހުން ވަނީ ހިނގާފައެވެ. ބޮޑުގެއެއް އަނދާ ހުލިވި އިރު ބައިބަލް އެއް ނުއަނދާ ސަލާމަތުން އޮތީއެވެ. ދެން އޭގެ ބޭރު ކަވަރު ގެ ރަބަރު ގަނޑުވެސް އެނދީއެވެ، އެކަމަކު އެތެރޭގައި އޮތް އީސާގެފާނުގެ ފޮޓޯއަކާ ހަމައިން އަލިފާން ހުއްޓުނީޔޯލައެވެ. އަދި ބައިބަލް ގެ އެންމެ ތަންފުކެއްވެސް އަކުރެއްވެސް ނާނދައެވެ. އީސާގެފާނުގެ ފޮޓޯއެއް ހަމަ ދެލި ކޮޅެއްވެސް ޖެހިނުލާ އޮތީޔޯލައެވެ. އީސާގެފާނުގެ ފޮޓޯ އޮތީ މާލޭން ފެނުނު ގުރުއާން ފަދައިން ގެދަބުޅިން ކަޅިވެފައެއްނޫނެވެ. އަނެއްކާ މިކަމާއި އަދާލަތުގެ ދައުވާޔާ ވައްތަރުކަން ދެކިބަލާށެވެ. ދެފަހަރުވެސް ބޭރުކަވަރުގެ ޕްލާސްޓިކް ބައި އެނދީއެވެ. ހޯހޯއެވެ. މުސްލިމުން ބުނާނެހެން ހީވަނީ އެއީ ބައިބަލްގައި ބަދަލުނުވެ ﷲ ގެ ބަސްފުޅުތައް ހުރީމާ ވީގޮތެއް ކަމަށެވެ. އެކަމު ބަދަލުކޮށްފައި ހުރިބައިތައް އަނދާ ތެދުކޮށް ހުރިބައިތައް ބެހެއްޓިނަމަ ހާދަހާވާ ގިނަބަޔަކު އިސްލާންވާނެއެވެ. ﷲ އެދިވޮޑިގަންނަވަނީ އެގޮތެއްނޫންދޯއެވެ. ނަރަކައަށް ލާނެ މީހުން ގިނަކުރުން މުހިއްމީތޯއްޗެކެވެ.

ދެން މިތަނުން ތެދު ކަރާމާތެއް ނޭނގުނެވެ. ހުރިހާ ކަލާނގެތައްވެސް ކަރާމާތާ ޖެހުނީމާ ފިސާރި ގަދައެވެ. ދެން ބާއްވަންވީ އެއްމެ މޮޅު ކަރާމާތް ދައްކާ ކަލާނގެ ހޮވަން މުބާރާތެކެވެ.ރާއްޖޭގައި މިއުޅޭ އުސޫލީ މުސްލިމުން މިކަހަލަ ކޮންމެ ކަމެއް މިބޭނުންކުރަނީ ދިވެހިން ވާވައްދާ ދީނީ ހަރުކަށިކަމުގެ މަޅީގައި ރަނގަޅަށް ބައްދާލުމަށެވެ.

އިސްމަތުﷲ އަލާކުއްލިމަކާން! ފީ ޒަކަރުއް ރިޖާލި ވަލް ފަރުޖުއްނިސާއި!
އ

Wednesday, March 12, 2008

ރިފޯމްކުރަންވީ ދީނެއްނޫން، މީހުންގެ ވިސްނުން

ބުލޮގެއްޖަހައި ނުލެވޭތާ ލައްކަދުވަސްވެއްޖެދޯ. ދެން މިފަހަރު މި ލިޔެލަނީ އިސްލާމިކް ރީފޯމް އާބެހޭގޮތުން. ސަބަބަކީ އިސްލާމް ދީނާ، ޔަހޫދީ ދީނާ،ނަސޯރާ ދީނާ، ހިންދޫދީނާ، މަޖޫސީ ދީނާ، ޔަޒީދީ ދީނާ، އުދުހޭ ސްޕެގެޓީފުރޭތައިގެ ދީނާ، ސައިންޓޮލޮޖީއާ، ދެން މިހެންގޮސް ހުރިހާ ދީންތަކަކީވެސް ވަކި ސަބަބެއް ނެތަސް އިންސާނުން ކުރެ ގިނަ އަދަދެއްގެ ބަޔަކަށް ހަމަ ސައްތައިން ގަބޫލުކުރެވިގެން އެޔަކާހެދި ޖާނުދީ، މަރުހިފާ ދަރަޖައަށް ގޮސްފައިވާ ކަންތައްތަކަށްވާތީ؛ މިޒާތުގެ- އެއްވެސް މަސްދަރެއްނެތް - ޤަބޫލުކުރުންތައް އެއީ މާފަސޭހައިން ދޫކޮށްލެވެން އޮތް އެއްޗަކަށްނުވެއެވެ. ވީމާދެން އަހަރެމެން ދިވެހިންނަށް ޖެހިފައިވާ ކަންތައް (އިސްލާމްދީން) ވެސް ހަރުކަށި ނޫން މިންގަނޑެއްގައި ގެންގުޅެވޭނަމަ ކުޑައިކޮށް ރަނގަޅުވާނެހެން ހީވަނީ. މިކަމަކީ މާކަ ފަސޭހަ ކަމެއްނޫން، ނަމަވެސް މިހާރު މިނިސްޓަރު ކުއްޓި ނަޝީދު ދަނީ މިކަމާ ވަރަށް ގަދައަށް ހަނގުރާމަ ކުރައްވަމުން. އޭނާ އަފްރާޝީމް ޓީވީއަށް އަރުވައިގެން އުޅޭތީ އެކަމާ ދެން ދިވެހި މީޑިޔާގައި ނުބަވާކަށް ނޫހެއް ނެތޭބުނެވޭނީ. އަދާލަތުޕާޓީން އެބުނަނީ މިޔުޒިކަކީ ހަރާން އެއްޗެކޭ، ނަމަވެސް އަފްރާޝީމް އެބުނަނީ އެއީ ހުއްދަ އެއްޗެކޭ. މިދަރަޖާގައި ބަހުސްތައް އަދި މިދަނީ؛ އެކަމަކު އެކަންވެސް ޓޮލެރޭޓް ނުކުރެވި ، ހިތައްވާ ތަދަކުން އޭނާ ހިފާ ހައްޔަރު ކުރަން އެއަންގަނީ. މިހާރު ދެން ވައްހާބީ އިސްލާމް ވަރެއް ދިވެހިންނަށް ނެތް ހެން ހީވަނީ. އަފްރާޝީމް ފަހާ ތުނބުޅިމީހުން ދުވީ އޭނާ އާ އެކު އެނާގެ ކުޑަ ދަރިއެއްވެސް ހުއްޓާ، އެމީހުން ފާހާނާ ތެރޭބެދިފައި ތިބީ، އެކުޑަ ސޮރަށް ނަފްސާނީ ގޮތުން ކުރާނެ އަސަރަކަށްވެސް މިއާލާތުން ބަލާލުމެއްނެތް.

އަނެއްކާކޮބާ؟ މިއުޅޭ މުއްލާ މައުމޫނުވެސް އަދާލަތާ ދެކޮޅަށް އެބުނަނީއޭ މިއުޒިކު ހުއްދަވާނެއޭ.ބަހުސަކަށް ދަނީޔޯލަ ދެބައިމީހުން. ހައެރާމް! ބަހުސް ކުރާނެ ކަންތައް ރާއްޖޭގައި މަދީ ތޯއްޗެ.

މިމައްސަލައަށް އަލި އަޅުވާލާ އެއްޗެއް ލިޔެވޭތޯ ބަލާނަން ފަހުން. އެކަމު ދެން މިވަގުތައް އެކަން ފަސްކޮށްލާފައި މިބަލާލަނީ އިސްލާމްދީނުގައި މޮޑެރޭޓްވުން ނުވަތަ މެދުމިން ވުމާމެދު އަވަސް ނަޒަރަކުން.

އެއްމެ ފުރަތަމަ ސުވާލަކީ އިސްލާމްދީނަކީ އޭގެ މަސްދަރުތަކަށް (ދީނީ ލިޔުންތަކަށް) ބަލާއިރު އޭގެ ޒާތުގައިވެސް ހައްދުފަހަނައަޅާ ގާދޫކޮލުން ކީއްކުރަން ސިދުރަތުލް މުންތަހާއިންވެސް ބޭރަށް ގޮސް ނިމިފައިވާ ދީނެއް. މީހުން މެރުމާ، އަނިޔާވެރި ވުމާ، އަންހެނުންނަށް އިހާނެތިކޮށް ހިތުމާ މިހެން ގޮސް ކިތައްމެ ކިތައްމެ ކަމެއް. އެކަމު ހަމަ މިދީނުގައި "ލަކުމް ދީނުކުމް ވަލިޔަދީން"އާއި މިނޫންވެސް ވަރަށް ކީރިތި މޫރިތި ބަސްތައް އެބަހުރޭ. މީހުންނަށް އޯގާވެރި ވުމާ، ލޯޑު ބުއްދާގެ ފަލްސަފާގައިވާ ޒާތުގެ ސުލްހަވެރި އެތައްކަމެއް މިދީނުގައިވެސް ވޭ. ދެނޯ؟ ދެން މިވަނީ ކިހިނެއްބާ؟

އާނ، މިވާގޮތަކީ އިސްލާމްދީން އުފެދުމުގައި މައިގަނޑު ދެދައުރެއް އެބަވޭ. އެއީ މައްކީ އަދި މަދަނީ ދައުރު. މިކަމާމެދު
(ސަރ ވިލިއަމް މުއިރ އާއި ޢަލީ ދަޝްތީ ފަދަ) ވަރަށް ގިނަ އޮރިއެންޓަލިސްޓުން، އަދި މިނިވަން މުފައްކިރުން ތަފާތުއެތައް ފަހަރަކު އެތަކެއް ވާހަކައެއް ބަޔާންކޮށްފައިވޭ.

މީލާދީން 619 ވަނައަހަރު ލޯބިވާ އަނބިކަނބަލުން ހަދީޖަތުގެފާނާއި ބޮޑުބޭބެ އަބޫ ތޯލިބު މަރުވުމުން މުހައްމަދުގެފާނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ގެއްލުން ވިއެވެ. ހަދީޖަތުގެފާނު ނުވީނަމަ އިސްލާމްދީން ނުވީސްކަން ޔަގީނެވެ، އަދި އަބޫތޯލިބަކީ މުހައްމަދުގެފާނުގެ ދިފާއު ކަމުގައިވިއެވެ. ދެން މިއަށްފަހު މައްކާގެ މީހުން (އެމީހުންގެ ބޯދާ ކަމާއިވެސްއެކު) ސުލްހައިގެ ދީނެއް އަދި މުޅި ހުރިހާ އިންސާނުން އެއްބައިވަންތަކުރަން އުޅޭ، އަރަބިންގެ ބޯދާބައެއްކަންތައް (އަންހެންދަރިން ވަޅުލުންފަދަ) ރިފޯމްކުރަން އުޅޭ ދީނެއްފަތުރަން އުޅޭތީ މުހައްމަދުގެފާނު މަރާލާ ހިސާބަށް ކަންތައްތައް ގެންދިޔަ. އެހިސާބުން
(ހަބުޝްކަރައަށް ހިޖުރަކުރުމާއި ހާޝިމީން ބޮއިކަޓްކުރުންފަދަ) އެތައް އެތައް ކަންތައްތަކަކަށްފަހު އެއްމެފަހުން ހިޖުރަކުރީ މަދީނާއަށް. އާދަޔާޚިލާފު ސަޕޯޓެއް ނެތި ދެކޮޅުވެރިކަމެއް (ޚާއްސަކޮށް ޔަހޫދީންގެ ފަރާތުން) އޮތްނަމަވެސް މަދީނާމީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އިސްލާމްވެފައިވަނީ. ވީމާދެން އެތަނުގައި ދައުލަތެއްހެދީ، ހަދާ ދީނީ ކެމްޕޭނުގެ ތެރޭން ސިޔާސީ އަދި އަސްކަރީ ކެމްޕޭނު ފެށީ. ދެން އަންނަން ފެށީ ހަރުކަށި އާޔަތްތަކާ ހަދީސްތައްކަމަށްވީ. ގުރުއާނުގެ މިކަހަލަ ހުރިހާ އާޔަތެއް އައީ މިދައުރުގައި. މުހައްމަދުގެފާނުގެ ހަޔާތަށް ވަރަށް ގިނަގޮތްގޮތުން ބަދަލުއައި. ކުރިން ވަފާތެރި އެއްމެ އަނތްބަކު ގެންގުޅެފާ،ފަހުން ބައިވަރު މީހުނާ އިނދެ އަޅު އަންހެނުން ގެންގުޅެ މިޒާތުގެ ބަދަލު ތައްވެސް އައީ. ޖިހާދުކުރުން އޮތީ އެއްމެނަށް މަޖުބޫރުކޮށްފަ. މުޅި ދުނިޔެއަށް ދީން ފެތުރުމުގެ އަމުރުވެސްއައީ މިހިސާބުން. ބޭރުގެ ގައުމުތަކަށް އިސްލާމްވާށޭ ކިޔާ ސިޓީވެސް ފޮނުވީ. ދެން ހަމަ މުޅިން ހަނގުރާމައާ ސިޔާސީބައި އޮތީ އޭގެފަހުން މައިގަނޑުގޮތެއްގަ.

އެހެންވެގެން މި ފުށުއަރާ ޚިޔާލުތަކެއް މިއުޅެނީ. އުސޫލީން (ނުވަތަ ފަންޑަމެންޓަލިސްޓުން) ގެ ގޮތްތަކުގައި ހައްދުފަހަނަ އެޅުންބޮޑު. ނަމަވެސް މައުމޫނުމެން ކަހަލަ އިޚްވާނީ ، އަދި އަޝްޢަރީ ޚިޔާލުގެ އުސޫލީންގެ ތެރޭގައި އާއްމު މީހުންނާ ގުޅޭ ކަންތައް ހުންނަނީ މޮޑަރޭޓްކޮށް. މިސާލަކަށް ލަވަޖެހުން ހުއްދަވުން. ނަމަވެސް ބުރުގާއެޅުމާ، މުރުތައްދުމީހުން މެރުން ކަހަލަ ކަންތައް މިމީހުންވެސް ނަގާނީ ވަރަށް ސީރިއަސްކޮށް. ދެން މިހުރިހާބައެއް މޮޑަރޭޓްކުރަންޏާ އެއްގޮތަކީ ގުރުއާނުން ބައެއް އާޔަތްތައް ކަނޑާލުން، އަދި ހަދީސް ގަބޫލުނުކުރުން. ނަމަވެސް އޭރުން އެވެވެނީ މުރުތައްދުވެ ދީނުން ބޭރު. ދެން އޮތީ އެއްމެ ޗޮއިސްއެއް، އެއީ ރޫހާނީ ގޮތެއްގައި އިސްލާމްދީނާމެދު ދެކުން. މިސާލަކަށް ސޫފީން އެގެންގުޅޭ އުސޫލުތައް. އެއީ ކުރިން ދިވެހިންގެމެދުގައިވެސް ބޮޑަށް މަގުބޫލު ވައްތަރަކީ. ކުރިން ރާއްޖޭގައި އޮތީ އިސްލާމްދީނުގެ ރިމިކްސް އެއް. އެއީ ސުލްހަވެރި ވައްތަރެކޭބުނެވޭނީ. އެކަމު މައުމޫނަށް ކިޔެވުނީ މިސްރުން އޭނައަށް ކަމުދިޔައީ ބިންލާދިންއަށް ވެސް ކަމުދިޔަ އިސްލާމީ މުފައްކިރުން. އެހެންވެ އޭނަ އައިސް ނަދުރު ބުނުން މަނާކޮށް، ޒިޔާރަތްތައް ތަޅާ ސުންނާފަތިކޮށް، ބުރުގާއެޅުން ޕްރޮމޯޓުކޮށް (މިކަން ކުރިކަމަށް ފެންނަނީ އޭނާއަށް ސަޕޯޓްކުރި މުއްލާއިންގެ ބާރުންކަމަށް ބެލެވެނީ . މިއީ އޭނާ ޕަރސަނަލީ މާގަޔާވާކަމެއްކަމަކަށް ނުފެނޭ) ވަޖިދުވުން މަނާކޮށް، މާލޫދުކިޔުން މަނާކޮށް "ދިވެހި އިސްލާމް" ދީން މަރާލީ.

އެހިސާބުން ފެށުނީ އުސޫލީ (ފަންޑަމެންޓަލިސްޓު) ދައުރު. އުސޫލީއެއް ނަމަވެސް މައުމޫނަކީ އިޚްވާނީ ފިކުރުގެމީހަކަށްވާތީ އޭނާ މީހުންގެ ބޮލަށް ވެއްދީ ޖިހާދު ކުރެވޭނެ ކަމަށް އެކަމު ސަރުކާރުގެ ދަށުން ކަމަށް. ވައްހާބީންނާ މާ ގަޔާވާ މީހަކަށް އޭނާ ނުވީ ސިޔާސީ ސަބަބުތަކަށްޓަކައިކަމަށް ބެލެވެނީ. އެކަމު ދެން ވީގޮތަކީ މައުމޫނީ އިސްލާމްގައި ޖަވާބު ނުލިބޭ ސުވާލުތައް ގިނަވީ. އޭގެން އަޅާދިން އުސޫލީ ބިންގާގެ މަތީގައި ބިނާ ކުރާނެވަރަށް ގާ ނެތުނީ. މިހިސާބުން ދިވެހި ޒުވާނުން އެނބުރިގަތީ ސައުދީ އަރަބިއްޔާއިން ސްޕޮންސަރ ކޮށް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ޑިސްޓްރިބިއުޓް ކުރާ ވައްހާބީ އިސްލާމް އަށް. އަދި މަތީމަޖިލީހުގެ ވެރިން އަޑީގައި ތިބެގެން ޕާކިސްތާނާ ސައުދީއަށް ދިވެހި ކުދިން ފޮނުވުމަށް ހިއްވަރުދެމުން ދިޔައީ. ސައުދީއިން އަހަރަކު ހައެއްކަ ދިވެހިންނަށް މަދީނާ ޔުނިވަރސިޓީން ހިލޭ ކިޔަވާދޭން ފެށީ. ދެން ވަހާބީން ގިނަވެ އޭގެން ކަފި ކަފި ފަޅާ ޖިހާދީންނާ ބިންލާދިން ގުރޫޕުވެސް އުފެދުނީ. މިހާރު ކުއްޓި ނަޝީދު ކުރައްވަން އެ އުޅުއްވާކަމަކީ ދިވެހި އިސްލާމް އަލުން ދިރުވުން. އުސޫލީ މިންގަނޑުތަކުގެ ތެރެއިން "ދިވެހި އިސްލާމް" އަލުން އުފެއްދުމަށް ޑރ.އަފްރާޝީމް ލައްވާ އެ އުޅުއްވަނީ.

ނަމަވެސް އަހަރެން ދެކޭގޮތުގައި ދެން އިތުރަށް ދިވެހި ރައްޔިތުން ވާވެއްދުމުގެ ބަދަލުގައި މިނިވަންކަމާއެކު އިސްލާމްދީނާ މެދު ފާޑުކިޔުމުގެ ފުރުސަތު ހުޅުވާލުން މާރަނގަޅުވާނެ. ދީން ރިފޯމް ކުރީމާ ދީން އެ ބަދަލު ކުރެވެނީދޯ؟ ދީން ބަދަލުކުރީމާ އެހިސާބުން އިސްލާމްދީން އެ ދިޔައީ. އިސްލާމްދީނަކީ ފުރިހަމައަށް ބާވާލެއްވިދީނެއް. ދީނުގެ އެއްބައިކަންތަކުގައި ހިފާ އަނެއްބައި ދޫކޮށްލީމާ މީހާ ކާފަރުވާނެ. މިބުނީ މިސާލަކަށް އަސްކަރީ ޖިހާދުކޮށް ދީން ފެތުރުން ނުވަތަ ދީނުގެ މައިގަނޑު އަމުރެއް އެއީ ނެތްކަމެކޭ ބުނެފިނަމަ.

ރޭޑިޔޯއިން ގައިމު ބުނޭ "ތިޔަ ބޭފުޅުންގެ ފާޑުކިޔުމަކީ އަޅުގަނޑުމެންގެ ކުރި އެރުމޭ" . ނަމަވެސް އިސްލާމްދީން ކަހަލަ 'ފުރިހަމަ' ދީނެއް ކުރިއަރާކަށް ދެން ތަނެއް ނެތްވިއްޔާ، ދެން ކުރާނެ ބަހުސްވެސް ނެތެންނު. ގަދަބާރުން (އެއްމެފުރަތަމަ) އަދި ނުބައި ނަސީބުން (މިހާރު) ވިޔަސް މިތިބީ އެދީނަށް ވަދެވިފައެވެ. ދެން ނިކުމެވޭނީ ބޯ ކަނޑާލެވިގެން. ނަމަވެސް މިއީ މިޒަމާނުގައި މީހުންގެ ވިސްނުން ހުންނާންވީ ދަރަޖައެއްނޫން ދެއްތޯ؟ މިހާރު މިޒަމާނުގައި އިސްލާމްދީނަކީ ފުރިހަމަ ދީނެއްކަމަށް ބުނަންޏާ އެކަން ސާބިތު ކޮށްދޭންޖެހޭނެ. އެކަމާ މިނިވަންކަމާއެކު ބަހުސްކޮށް ވާހަކަދެއްކުމުގެ ފުރުސަތު އޮންނަން ޖެހޭނެ. އަދި އެބައޮތޭ އެއްވާހަކަ ނިންމާލުމުގެ ކުރިން، އެއްފަހަރުވެސް ވިސްނާލިންތާ، އަސްލު އެއްމެ ރަނގަޅު އިސްލާމްދީނަކީ ކޮބައިތޯ؟ އެތައް ސަތޭކަ ވައްތަރެއް އެބަހުރި، އޭގެން ހިޔާރު ކުރާނީ ކޮން ބްރޭންޑެއްތޯ؟ އަދި އިޚްތިޔާރު ކުރެއްވި ކުރެއްވުން ޖަސްޓިފައިކުރައްވާނީ ކިހިނެއްތޯ؟ އެހެން ވައްތަރެ ހިޔާރު ނުކުރައްވަނީ ކީއްވެތޯ؟ ގުރުއާނުގެ ނުވަތަ ސުންނަތުގެ ތެދުކަން އެނގެނީ ކިހިނެއްތޯ؟ ޚިޔާލީ ވާހަކަތަކެއް ދިރިއުޅުމުގެ އަސާސެއްކަމުގައި ހަދައިގެން މި އުޅެނީ އަޅެ ތިމާގެ އަގީދާ ނުވަތަ ގަބޫލުކުރާ ކަންތަކާމެދު (ހެއްކާއި ބުއްދިކުޅައުމުގެމަގުން) ކިހާ ޔަގީންކަމެއް އޮވެގެންބާއޭ ހިތައްއަރާ ސަހަރޯހީވާ ފަހަރުވެސް އާދޭ. އޫސީކުމް ބޫސީކުމް ވައަލާކުއްލިނަފްސިކުމް، ކޮން ފަދަޔަކުމް، ލާއިލާހަ ފީކުއްލިމަކާން. ސޮދަގަލޯހުލްއަލީމް.
އ

Saturday, February 23, 2008

ފައްޅި އެންދުމާއި ކަނޑިން ދީންފެތުރުން


ޞަޙީހުލްބުޚާރީ،ވޮލިއުމް:5، ފޮތް:59،ނަންބަރު:643

ޤައިސް ރިވާކުރެއްވިއެވެ.
ޖަރީރްވިދާޅުވިއެވެ :
"ﷲ ގެ ރަސޫލާ އަހަންނަށް ހަދީސްކުރެއްވިއެވެ، "ޛުލްޚަލަސާގެ ކިބައިން ތިމަން ކަލޭގެފާނު މިންޖުކޮށް ސަލާމަތްކޮށްދީފާނުހެއްޔެވެ؟" ތިމަން (ޖަރީރް) ދެންނެވީމެވެ، "އާދޭހެވެ (ތިޔަކަން ކޮށްދޭހުށީމެވެ)".
ދެން އަޚްމާސް ޤަބީލާގެ އަސްދުއްވުމަށް ކުޅަދާނަ ހުނަރުވެރި ސަތޭކަ ފަންސާސް އަސްވާރުންނައިގެން އަހަރެން (އެމަސައްކަތައިގެން) ކުރިއަށް ދިޔައިމެވެ.

އޭރު އަހަންނަކީ އަހުގެމަތީގައި ހަމަޖެހި ސާބިތުކަމާއެކީ އިނދެވޭ މީހެއްނޫނެވެ، އެހެންވެ އެކަން އަހަރެން ނަބިއްޔާއަށް އެންގީމެވެ، އަދި އެކަލޭގެފާނު އަހަރެންގެ މޭމަތީގައި -އެޖެއްސެވިތަން ފާހަގަވެ އެނގޭވަރުވަންދެއް- އަތްޕުޅުން ޖެއްސެވިއެވެ. އަދި ހަދީސްފުޅުކުރެއްވިއެވެ،"ޔާﷲ! މީނާ ސާބިތުކުރައްވާނދޭވެ.އެހެންމީހުންނަށް (ތެދުމަގަށް) މަގުދައްކާދޭ އަދި ތެދުމަގު ލިބިގެންވާ މީހެއްކަމުގައި މީނާ ލައްވާނދޭވެ". އޭގެފަހުން އަހަރެން ދުވަހަކުވެސް އަހަކަށް ސަވާރުވެގެންއިންދާ ވެއްޓިފައެއްނުވެއެވެ.

ޛުލްޚުލަސާ އަކީ ޔަމަނުގައި ހުންނަ؛ ޚަތަމް އަދި ބަޖައިލާ ޤަބީލާއަށް ނިސްބަތްވާ ގެއެކެވެ، އަދި އެތަނުގެތެރޭގައި އަޅުކަންކުރެވޭ ބުދުތަކެއްވިއެވެ، އަދި އެތަނަށް އަލް ކައުބާ އޭ ކިޔާ ނަންދެވިފައިވިއެވެ. ޖަރީރް އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި ހުޅުޖަހާ އަންދާލާ އެތަން ބިމާހަމަކޮށް ރޫޅާލިއެވެ.

ޖަރީރް ޔަމަނަށް ވަޑައިގެންއިރު އެތަނުގައި ކުރިއަށް ވާންހުންނަ ކަންތައްތައް ބުނެދީ، ކަހީނުކަމުގެ ތީރު އުކައިގެން ހެޔޮފާލު ބުނެދީ އުޅުނު މީހަކު (ކަހީނަކު) އުޅުނެވެ. ކޮންމެވެސް މީހަކު އެމީހާއަށް ބުންޏެވެ:
"ﷲ ގެ ރަސޫލާ މިތަނުގައި ހާޒިރުވެވަޑައިގެން އެބަ ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައި ކަލޭ ޖެހިއްޖެނަމަ، އެކަލޭގެފާނު ކަލޭގެ ކަރު ބުރިކޮށްލާނެއެވެ".

އެއްދުވަހަކު އެ (ކަހީނު) މީހާ އެއެއްޗެތި (ކަހީނުކަމުގެ ތީރުތައް) ބޭނުންކުރަމުންދަނިކޮށް ޖަރީރް އެތަނުގައި މަޑުކުރައްވާ އޭނާއަށް ދެންނެވިއެވެ:
"ތިޔައެއްޗެހިތައް (ތީރުތައް) ބިންދާލާށެވެ، އަދި ﷲ ފިޔަވާ ހައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވާށެވެ (އެބަހީ ޝަހާދަތް ކިޔާ އިސްލާމްވާށެވެ)، އެހެންނޫނިއްޔާ އަހަރެން ކަލޭގެ ކަރު ބުރިކޮށްލާނަމެވެ."
ދެން (އެހެން ދެންނެވުމުން) އެމީހާ ތީރުތައް ބިންދާލާ، ﷲ ފިޔަވާ ޚައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށްހެކިވިއެވެ (ޝަހާދަތްކިޔާ އިސްލާމްވިއެވެ)
ދެން ޖަރީރް މިކަމުގެ (ޛުލް ޚަލާސާ އަންދާ ހަލާކުކޮށްލެވުނުކަމުގެ) ހެޔޮ ހަބަރު ދެންނެވުމަށް ނަބިއްޔާގެ އަރިހަށް އަހްމާސް ޤަބީލާގެ އަބޫ އަރްތަތާ ނަމަކަށްކިޔުނު މީހަކު ފޮނުއްވިއެވެ. ދެން އެމީހާއަށް ނަބިއްޔާއާ ހަމައަށް ދެވުމުން އޭނާ ދެންނެވިއެވެ:
" އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނު ޚައްޤައިގެން ފޮނުއްވެވި ފަރާތް ގަންދީ ބުނަމެވެ، އެތަން ދޫކޮށް އަހަރެން އައި އިރު އެތަންވަނީ ކުރަލާފައިވާ ޖަމަލެއްފަދައިންނެވެ."
ދެން ނަބިއްޔާ އަހްމާސް ޤަބީލާގެ އަސްތަކަށާއި އެގަބީލާގެ ފިރިހެނުންނަށް ފަސް ފަހަރަށް ހެޔޮދުއާކުރެއްވިއެވެ.

މިހަދީސްގައި މީހަކު އެ ކަހީނު ކަލޭގެ އަށް އިންޒާރު އެދެނީ ވަރަށް ބިރުވެރި ކަމަކާމެދުއެވެ. އެއީ މުހައްމަދުގެފާނު އެސަރަހައްދުގައި އުޅޭވާހަކައެވެ. ބިރުވެރިވަނީ ކީއްވެގެތޯއެވެ؟ އެއީ އޭނާގެ ކަރު އެކަލޭގެފާނު ބުރިކޮށްލާނެކަމުގެ ބިރު އޮތީމައެވެ. މިއީ މުހައްމަދުގެފާނާމެދު މީހުން ގެ ހިތްތަކުގައި ބިރުވެރިކަން އޮތް މިންވަރެވެ. މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އިނގިރޭސިބަހުން ކިޔާއުޅެނީ "ޓެރަރިޒަމް" އެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންނަށް "ޓެރަރިސްޓުން"ނެވެ. އެކަލޭގެފާނުގެ ގޮތް މިމީހާއަށް ރަނގަޅަށް އެނގެނީތާއެވެ. ބިރުގަތުން ހައްގެވެ.

ދެން ބަލާލަންޖެހޭ އަނެއްކަމަކީ ބަޔަކުމީހުން އެހެން ކައުބާއެއް ހަދައިގެން އުޅޭތީ އެތަން އަންދާލަން ފޮނުވުމެވެ. މިއީ ދީނަށް ގޮވާލުމުގެ މަގެކެވެ. މިބާވަތުގެ މިޝަނަރީ ހަރަކާތްތަކުގައި އޮންނަނީ ތިން އިޚްތިޔާރެވެ. އެއީ އިސްލާމްވުން،މުސްލިމުންނަށް ޖިޒީދީގެން އެމީހުންގެ ދަށުގައި (ޛިންމީންގެ ގޮތުގައި) އުޅެން އެއްބަސްވުން ނުވަތަ އިސްލާމްނުވުމެވެ. ފަހު އިޚްތިޔާރު (ފުރަތަމަ ދެގޮތްގަބޫލުނުކުރުމު)ގެ މާނައަކީ މަރެވެ. ޖިޒީ ދިނުމުގެ އިޚްތިޔާރުވެސް ދޭފަހަރާ ނުދޭފަހަރު އާދެއެވެ. މިހަދީސްގައި ޖަރީރް އެވަނީ ކަހީނު މީހާއަށް މި އިޚްތިޔާރު ނުދީފައެވެ. އޭނާއަށް އޮތީ އިސްލާމްވުން ނުވަތަ މަރުވުމެވެ.ކުރާނެ ކަމެއްނެތެޗެ މާތް ﷲ އޭނާއަށް ޞުލްހައިގެ ދީނުގެ މަގަށް ހިދާޔަތު ދެކެވުމަށް އިރާދަކުރެއްވީ ކަނޑީގެ މިޔަދަށުގައެވެ.

ޞުލްހައިގެ ދީނުގެ ނަމުން މަޝްހޫރުވެފައިވާ އިސްލާމްދީނުގެ ބާނީ އަދި ރަސޫލާ، ކޮމާންޑަރު މުހައްމަދުގެފާނުގެ އަމުރަށް އައިސް ދެ ޤަބީލާއެއްގެ މުގައްދަސް ތަނެއް އެހަލާކުކޮށްލީއެވެ. ރޯކޮށްލާ ބިމާހަމަކޮށްލީއެވެ. މިއީ ތޯލިބާނުން އަފްގާނިސްތާނުގެ ބާމިޔާންގައި ހުރި ބުއްދާ ގެ ބޮޑު ދެބުދު ހަލާކުކޮށްލުމަށް ހިތްވަރު ލިބިގަތް ހަދީސް އަކަށްވެދާނެއެވެ. މިއީ އިސްލާމްދީނުގައި އެހެން ދީންތަކުގެ މީހުނަށް އިޚްތިރާމް ނުކުރާކަމުގެ ލާމަސީލު މިސާލެކެވެ. އަނިޔާވެރިކަމާ ގަދަބާރުން ދީންފެތުރުމުގެވެސް މިސާލެކެވެ. މިއީ ސުންނީމުސްލިމުންގެ ގިނަ ޢިލްމުވެރިންގެ އަރިހުގައި ޞައްޙަ ހަދީސްފުޅެކެވެ. ﷲ އަކުބަރު!
އހ

Wednesday, February 20, 2008

މުހައްމަދުގެފާނު އަންހެނުންނަށް ފުރައްސާރަކުރެއްވުން



ވޮލިއުމް:4 ފޮތް:54 ހަދީސްނަމްބަރު:464
ް

އިމްރާން ބިން ހުސެއިން ރިވާކުރެއްވިއެވެ؛

ނަބިއްޔާ ހަދީސް ކުރެއްވިއެވެ، "އަހަރެން ސުވަރުގެއަށް ބަލާލީމެވެ، އަދި އެތަނުގެ އަހުލުންގެ ތެރޭގައި އެއްމެ ގިނައީ ފަގީރުން ކަމުގައި ވާތީ ދުށީމެވެ؛ އެއަށްފަހު އަހަރެން ނަރަކައަށް ބަލާލީމެވެ ، އަދި އެތަނުގެ އަހުލުންގެ ތެރޭގައި ގިނައީ އަންހެނުން ކަމުގައި ވާތީ ދުށީމެވެ".

މިހަދީސުން ކަނޑައެޅިގެން އެނގޭ އެއްކަމަކީ ނަރަކައިގާ އަންހެނުން ގިނަކަމެވެ. ސަބަބު ބަޔާން ކުރެވިފައެއް ނެތެވެ. ވީމާ މުސްލިމު ކޮންމެ މީހަކުވެސް އޭނާގެ ދީނާ މެދު ޝައްކު ކުރުމެއްނެތި އެބުނާ ވާހަކައެއް ހަމަޖައްސަން މަސައްކަތް ކުރާނެއެވެ. އެމީހުން ބުނެދާނެއެވެ : "ދުނިޔެ ފެށުމާ ނިމުމާދެމެދު އަންހެނުން އުފަންވާ ނިސްބަތް ގިނަވެއްޖެނަމަ އެހެން ވެދާނެނޫންހެޔެވެ؟" އަނެއް ބަޔަކު ބުނެދާނެއެވެ، "އޭގައި މައްސަލައަކީ ކޮބާހެއްޔެވެ؟ އަންހެނުން ނަރަކައިގާ ގިނަވުމުގެ މާނައަކީ އެމީހުންގެ ތޮބީއަތުގައި ފާފަވެރިވުން ވުމެއް ނޫނެވެ. އެއީ މުސްތަގްބަލުގެ އިލްމުން ﷲ ރަސޫލާއަށް އެންގެވި ހަގީގަތެކެވެ.އެއީ އެމީހުންގެ ކުށެއްނޫނެވެ އެއީ ހަގީގަތެކެވެ."

ނަމަވެސް ހަގީގަތަކީ އެއީ ކޮންމެވެސް ވަރަކަށް އެކަނބަލުންގެ ތޮބީއަތާ ގުޅިފައިވާ ކަމެއްކަމަށް އިސްލާމްދީނުގައި ވާކަމެވެ.އަދި އެކަނބަލުންނަށް ދީނުގައިވާ ހަރުކަށި ހުކުމްތަކަށް ތަބާނުވެވޭނެތީ ވާނެ ގޮތެވެ.މިވާހަކަތަކަށް ޖަވާބު ދިނުން އެއްމެ މޮޅުވާނީ ރަސޫލާ އެބަސްފުޅުން މާނަކުރި އެއްޗެއް އެނގޭނެ އެހެން ހަދީސަކަށް ބަލާލުމުންނެވެ.

ޞަޙީހުލް ބުޚާރީ، ވޮލިއުމް:1 ފޮތް:6 ނަމްބަރު:301
އަބޫ ސައިދް އަލްޚުރްދީ ރިވާކުރެއްވިއެވެ؛
އެއްފަހަރަކު ﷲ ގެ ނަބިއްޔާ ފިތުރު ނުވަތަ އަލްހާ އީދުނަމާދު ކުރައްވަން ވަޑައިގެންނެވި އެވެ. (ވަޑައިގެން މަގުމަތީގައި) އަންހެންވެރިން ހުރަސްކުރައްވާ ވަޑައިގަންނަވަމުން ހަދީސް ކުރެއްވިއެވެ؛
"އޭ އަންހެނުންނޭވެ! ސޮދަގާތް ދޭށެވެ، އެހެނީ ނަރަކައިގެ އަހުލުވެރިންގެ ބޮޑުބަޔަކީ ތިޔަކަނބަލުން ކަމުގައިވާތީ ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ." އެކަނބަލުން ސުވާލުކުރެއްވިއެވެ؛ " އޭ ﷲ ގެ ނަބިއްޔާއެވެ، އެއީ ކޮން ސަބަބަކާހުރެތޯއެވެ؟" އެކަލޭގެފާނު ޖަވާބުދެއްވިއެވެ: "ތިޔަކަނބަލުން ގިނަގިނައިން (އެހެންމީހުންނަށް) ލައުނަތްދީ ހަދައެވެ،އަދި ތިޔަކަނބަލުންގެ ފިރިންނަށް ޝުކުރުވެރިއެއް ނުވެއެވެ. ތިޔަހާ ބުއްދި އާއި ދީނުގައި އުނިބަޔަކު ތިމަންކަލޭގެފާނު ދުވަހަކުވެސް ދެކެވަޑައި ނުގަންނަވަމެވެ. ތިޔައިގެ ތެރެއިން ބައެއް ކަނބަލުންގެ ސަބަބުން ހެޔޮވިސްނޭ ބުއްދިވެރި ފިރިހެނަކުވެސް މަގުފުރެދިގެން ހިނގައިދާނެއެވެ." އެކަނބަލުން ސުވާލު ކުރެއްވިއެވެ:
"އޭ ﷲ ގެ ނަބިއްޔާއެވެ. އަހަރެމެންގެ ބުއްދިއާއި ދީނުން އުނިވަނީ ކޮން އެއްޗެއްތޯއެވެ؟"
އެކަލޭގެފާނު ހަދީސްފުޅުކުރެއްވިއެވެ: "ދެ އަންހެނުންގެ ހެކިބަހާ އެއްމެ ފިރިހެނެއްގެ ހެކިބަސް އެއްވަރު ކަމުގައި ނުވޭހެއްޔެވެ؟" އެކަނބަލުން އެކަމާ އެއްބަސްވެ ޖަވާބު އެރުވިއެވެ.
އެކަލޭގެފާނު ހަދީސްކުރެއްވިއެވެ: "
މިއީ އެކަނބަލުން (އަންހެންވެރިން)ގެ ބުއްދީގައިވާ އުނިކަމެވެ. ޕީރިއަޑުވެގެން އުޅޭދުވަސްވަރު އަންހެނުން ނަމާދުކުރުމާ ރޯދަހިފުމުން ދުރުވާން ނުޖެހޭ ހެއްޔެވެ؟" އެކަނބަލުން އެކަމާވެސް އެއްބަސްވިއެވެ. ދެން އެކަލޭގެފާނު ހަދީސްފުޅުކުރެއްވިއެވެ، "މިއީ އެކަނބަލުން (އަންހެންވެރިން) ގެ ދީނުގައިވާ އުނިކަމެވެ".

މިހަދީސުން މިކަމުގެ މައިގަނޑު ސަބަބުތައް އެބައެނގެއެވެ. އެއީ އަންހެންވެރިން އެހެން މީހުންނަށް ލައުނަތްދީ ހަދާލެއް ގިނައީޔޯލައެވެ. އެއްމެ ރަނގަޅެވެ. އޭރު މައްކާ އާއި މަދީނާގައި އުޅުނު އަންހެނުން ލައުނަތްދޭ މިންވަރެށް މަށަށްވުރެ ރަނގަޅަށް މުހަންމަދުގެފާނަށް އެނގިދާނެއެވެ. ދެން އެބުނަނީ ފިރިންނަށް ޝުކުރުވެރި ނުވާ ވާހަކައެވެ. މަގޭ ހިތަށް އަރަނީ އޭރު މުހަންމަދުގެފާނާ ސަހާބީން އެމީހުންގެ އަނބިންނާމެދު ކަންތައް ބެހެއްޓި ގޮތަށްބަލާއިރު އެމީހުން ޝުކުރުވެރި ނުވުން އެއީ މައްސަލައެއް ނޫނެވެ. ގޭތެރެއިން ނުކުމެވޭކަށްނެތެވެ. ބޮޑު ޓެންޓެއްގެ ތެރޭގައި ނިވާވެގެން ތިބެންޖެހެއެވެ. ކިތަންމެ ވަރެއްކުރިއަސް ފިރިމީހާއަށް ޝަކުވާކުރެވޭކަށްނެތެވެ. ފިރިމީހާ އެދޭވަގުތު 'ކަންތައް' ނުކޮށްދީފިއްޔާވެސް ﷲ ގެ ލައުނަތްލިބެއެވެ. ފިރިމީހާއަށް ނުކިޔަމަންވާނަމަ އަނިޔާކުރެއެވެ. މިފަދަ އެތައްކަމެކެވެ. މިކަމާ އެއްބަސް ނުވާނެ މީހަކު އެއްބަސް ނުވާންވީއެވެ. އަދި ފަހުން މިވާހަކަތައް ތަފްސީލުކޮށް ލިޔެވޭތޯ ބަލާނަމެވެ.

ދެން އެހަސީކުރައްވަނީއޭ: "
ތިޔަހާ ބުއްދި އާއި ދީނުގައި އުނިބަޔަކު ތިމަންކަލޭގެފާނު ދުވަހަކުވެސް ދެކެވަޑައި ނުގަންނަވަމެވެ. ތިޔައިގެ ތެރެއިން ބައެއް ކަނބަލުންގެ ސަބަބުން ހެޔޮވިސްނޭ ބުއްދިވެރި ފިރިހެނަކުވެސް މަގުފުރެދިގެން ހިނގައިދާނެއެވެ." ހެޔޮނުވާނެއެވެ. މިއީ މިޒަމާނުގައި އާދައިގެ މީހެއްގެ ފުށުންވެސް އިވުން ދުރުބަސްތަކެކެވެ. އެހެންމީހުންނަށް ނަމޫނާއެއްކަމަށް ދައުވާކުރާ ރަސޫލަކުގެ ދުލުން މިބަސްތައް ބޭރުވުމުން އަޖައިބުވެ އަންތަރީސް ވާހާވެއެވެ.

މިތަނުގައި ފުރަތަމަ ޖުމްލާގައި އެ އިޝާރާތް ކުރައްވަނީ ހަމަ އެކަނި އެ ވާހަކަފުޅުދެއްކެވި ބަޔަކަށް ނޫނެވެ. އެކަމަކު ވޭތުވެ ދިޔަތަނުގައި އަދި އަންނަން އޮތްހާދުވަހަކު ދިރިއުޅުނު/ދިރިއުޅޭނެ އެއްމެހާ އަންހެނުންނަށެވެ. އެކަން ފަހުން އެހަދީސް ކުރައްވާ އެއްޗަކުން އެނގޭނެއެވެ.

މިއީ ވަރަށް ޒަމާންވީ އަގީދާއެކެވެ. ބޯދާ އަގީދާއެކެވެ. ގަދީމީ ވަރަށްގިނަ ދީންތަކާއި ފަލްސަފާތަކުގައި ދުނިޔޭގެ ހުރިހާ ނުބައެއްގެ ފަހަތުގައިވަނީ އަންހެނުންކަމުގައި ދެކެއެވެ. މިއީ އިސްލާމް ދީނަށް ހާއްސަ ކަމެއްކަމުގައި ނުދެކެވެއެވެ. އެހެނަސް މިއީ މިއަދުގެ ދުނިޔޭގައި "ގެރެންޓީ ހަމަވެފައިވާ" ވިސްނުމެކެވެ.


ދެން އެ ދެގޮތުންމެ އެކަނބަލުން އުނިވީ ކީއްވެކަން އެހާމަކުރެއްވީއެވެ. ގަބޫލުކުރަން ބޭނުން ނުވިނަމަވެސް މުހަންމަދުގެފާނު ދުނިޔޭގެ އެއްމެހާ އަންހެނުންނާ ދިމާއަށް އެފަދަ ނިކަމެތި، ދަށުދަރަޖައިގެ ގޮތަކަށް އެ ހަދީސްކުރެއްވި އެއްޗަކީ އެކަނބަލުން ކުރި ކުށަކާ ނުލާ އެއްވެސް ޚައްޤަކާނުލާ ހަދީސްކުރެއްވި އެއްޗެކެވެ.
އާދެ އެހެންގޮތަކަށް ދަންނަވާނަމަ އެއީ އަންހެނެއްގެ ގޮތުގައި ދުނިޔެއަށް އައުމުގެ ބަދުނަސީބުކަމުން ވީގޮތެކެވެ. ޕީރިއަޑުވުމަކީ އެކަނބަލުންގެ ކުށެއްތޯއެވެ؟ އެކަމަކު ޕީރިއަޑުވީމާ އަޅުކަން ކުރުން މަނާކޮށްފައި އެކަމާ މަލާތް ކުރާޒާތަށް ވާހަކަ ދެއްކުމީ އެމީހެއްގެ ފެންވަރު އެނގިގެންދާކަމެކެވެ. ހަމައެހެން؛
ދެ އަންހެނުންގެ ހެކިބަހާ އެއްމެ ފިރިހެނެއްގެ ހެކިބަސް އެއްވަރު ކަމުގައި ބުނެފައި އެކަމާ ވިއްދައިގެން އެއީ ކަލޭމެންނަކީ ފުރިހަމަ ބުއްދިއެއް ލިބިފައި ނުވާބަޔަކަށް ވީމައޭ ބުނުމަކީ ކޮންފަދަ މަލާމާތެއްހެއްޔެވެ. ކޮންފަދަ އަނިޔާއެއް ހެއްޔެވެ. އެބައިމީހުންނަށް އޮޅުވާލައިގެން އެތައްބައިވަރު ފައިދާއެއް ނަގަމުން އަދި ނުވިތާކަށް އެމީހުން ނިކަމެތިކޮށްފައި އެނިކަމެތިކަމާމެދު ހަޖޫޖަހާ މަލާމާތް ކުރުމަކީ ވަރަށް ވިޔާނުދާ ، އަނިޔާވެރިކަމާ ބޮޑާކަމުގެ އިންތިހާއެވެ. އެހެންނޫން ތޯއެވެ؟

ވަﷲ އަޢުލަމް!
އަހަރެން ދުނިޔޭގެ އެއްމެހާ އަންހެނުންގެ ޚައްޤުގައި، މި ހަދީސް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރަމެވެ. އހ

Monday, February 18, 2008

އިސްލާމްދީނުގައި ކަޅުކުއްތާއާ ، ހިމާރާއި އަންހެނުން








حدثنا إسماعيل بن خليل: حدثنا علي بن مسهر، عن الأعمش، عن مسلم، يعني ابن صبيح، عن مسروق، عن عائشة:

أنه ذكر عندها ما يقطع الصلاة، فقالوا: يقطعها الكلب والحمار والمرأة، قالت: لقد جعلتمونا كلابا، لقد رأيت النبي عليه السلام يصلي، وإني لبينه وبين القبلة، وأنا مضطجعة على السرير، فتكون لي الحاجة، فأكره أن أستقبله، فأنسل انسلالا.


ޞަޙީހުލް ބުޚާރީ: ވޮލިއުމް: 1 ފޮތް: 9 ހަދީސްނަމްބަރު: 490

އައިޝަތުގެފާނު ރިވާކުރެއްވިއެވެ؛ ނަމާދު ގެއްލޭ ކަންތައްތައް އަހަރެންގެ ކުރިމަތީގައި ހާމަކުރެވުނެވެ. އެބައިމީހުން ބުންޏެވެ؛ "ކުއްތާ އަކާ، ހިމާރަކާ، އަންހެނެއްގެ ސަބަބުން ނަމާދު ގެއްލެއެވެ( އެބަހީ ނަމާދަށް ހުންނަމީހެއްގެ ކުރިމަތިން މީގެން 'އެއްޗެއް' ހުރަސްކޮށްފިނަމަ ނަމާދު ގެއްލެއެވެ.) ". އަހަރެން ބުނީމެވެ؛ "ކަލޭމެން އަހަރެމެން (އަންހެނުން) ކުއްތާތަކެއްކަމުގައި ހަދައިފީމުއެވެ. އަހަރެންގެ އެނދުގައި ރަސޫލާ އާއި ޤިބްލައާދެމެދު އަހަރެން އޮށޯވެގެން އޮންނަ އިރުވެސް އެކަލޭގެފާނު ނަމާދު ކުރައްވަމުން ގެންދަވާތަން އަހަރެން ދުށީމެވެ. އަހަރެން އެއްޗަކަށް ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި މަޑުމަޑުން ދެމިގަނެގެން ދަނީއެވެ. އެއީ އެކަލޭގެފާނާ ސީދާ ކުރިމަތިލުމަށް އަހަރެން ހިތްހަމަނުޖެހޭތީއެވެ ."

މިތަނުގައި މިވާހަދީސް އާމެދު ގިނަ މުސްލިމުން ބުނާނެކަމަށް ފެންނަނީ "އެއީ ރަސޫލާ ހަދީސް ކުރެއްވިއެއްޗެއް ނޫނެއްނު؟"
މީގެ ޖަވާބުގައި ސަހީހް މުސްލިމް ގެ ހަދީސެއް ނަކަލު ކޮއްލާނަމަވެ.

ޞަޙީހް މުސްލިމް: ފޮތް: 4 ހަދީސްނަމްބަރު: 1032


އަބޫޛައްރު ރިވާކުރެއްވިއެވެ: ﷲ ގެ ރަސޫލާ ހަދީސްފުޅު ކުރެއްވިއެވެ. ތިޔަބައިމީހުން ކުރެ ކޮންމެމީހަކުވެސް ނަމާދު ކުރަން ހުންނައިރު ކުރިމަތީގައި ޖަމަލުގެ މަތީގައި އިށީނުމަށް އެހުންނަ އެތި (ސެޑަލް) ގެ ފަހަތުބައި ވަރުގެ އުސް އެއްޗެއް ކުރިމަތީގައި ހުންނަ ހުއްޓެވެ. ޖަމަލުގެ ސެޑަލްގެ ފަހަތުބައި ވަރު އުސް އެއްޗެއް ކުރިމަތީގައި ނެތް ހާލަތެއްގައި، ހިމާރެއް، އަންހެނެއް އަދި ކަޅު ކުއްތާއެއް ގެ ސަބަބުން އެމީހެއްގެ ނަމާދު ގެއްލޭނެއެވެ. އަހަރެން (ރާވީ) ބުނީމެވެ، އޭ އަބޫޛައްރެވެ. ފަހެ ރަތް ނުވަތަ ރީނދޫ ކުއްތާއަކާ ކަޅު ކުއްތާއެއް ތަފާތުވަނީ ކޮންގޮތަކުންތޯއެވެ؟ އޭނާ ބުންޏެވެ: އޭ އަހަރެންގެ އަޚް ގެ ދަރިޔާ އެވެ، އަހަރެން ކުރެ ތިޔަ ކުރި ސުވާލު އަހަރެން ﷲ ގެ ރަސޫލާއާވެސް ކުރީމެވެ، އަދި އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ : ކަޅު ކުއްތާ އަކީ ޝައިތާނެކެވެ.

ދެން ބުނާނީ ކީކޭ ހެއްޔެވެ. ގުރުއާނަށްފަހު ސުންނީ މުސްލިމުންގެ އެއްމެ ސައްހަ އެއްމެ މުހިއްމު ދީނީ ދެފޮތުގައިވެސް އެވަނީ މިހެންނެވެ. ދެވަނަ ހަދީސް ގައި އެވާގޮތުން އެހެން ބުނެފައި އެވަނީ ހުދު މުހައްމަދު ގެފާނެވެ. އިތުރު މީހެއް ނޫނެވެ. ބައެއް ދީނީ އިލްމުވެރިން ބުނާގޮތުގައި މިއީ ހަމަ އެކަނި އަންހެނުން ޕީރިއަޑު ވެފައިވާ ދުވަސް ވަރަށް ހާއްސަ ކަމެކެވެ. މާނައަކީ ހިމާރާ ، ކުއްތާ ފަދައިން ނަމާދު ގެއްލުވާ 'އެއްޗަކަށް' އަންހެނުންވަނީ ޕީރިއަޑުވުމުން އެކަންޏެވެ. އެހެންވީމާ އައިޝަތުގެފާނު އެވިދާޅުވި ވާހަކައާ ފުށުއެރުން އެބަކުޑަވެއެވެ. އެހެންނޫނަސް ރަސޫލާއާއި ރަސޫލާގެ އަނބި އަނބި ކަނބަލުންނަކީ އެހެން މުސްލިމުންނާ ތަފާތު ހުކުމްތަކެއް ވާ ބައެކެވެ، އެބައިމީހުންނާ އާއްމު މުސްލިމް އަންހެނުންނާ ތަފާތުވާނެއެވެ.

ދެން އެތަންމިތަނުން ހަދީސްތައް ދަމާނެރެގެން، އަދި އަރަބި ޑިކްޝަނަރީތަކަށް ހަވާލާދީގެންވެސް މީގައިފޮރުވިފައިވާ މާނަ 'އޮޅުން ފިލުވާދޭން' މުސްލިމް އިލްމުވެރިން އުޅޭނެއެވެ. ނަމަވެސް ފާހަގަ ކުރަން ބޭނުންވާ ނުކުތާ އަކީ މުހަންމަދުގެފާނު އެފަދައިން ހަދީސް ކުރައްވާފައިވާ ކަމާއި މިއީ އިސްލާމް ދީނުގައި މިކަން އޮންނަ ގޮތްކަމެވެ. ފިރިހެނަކު ނަމާދަށް ހުންނަ މީހެއްގެ ކުރިންމަތިން (ސުތުރާ އާއި އެމީހާއާ ދެމެދުން) ހުރަސްކޮށްފިނަމަވެސް އެމީހަކު ހުއްޓުވަން ޖެހެއެވެ. ނަމަވެސް ފިރިހެނަކު ގޮއްސިނަމަ ނަމާދެއް ނުގެއްލޭނެ، އެކަމަކު ހިމާރާ، ކަޅުކުއްތާއާއި އަންހެނުން ދިޔުމުން ނަމާދު ގެއްލުނީއެވެ. އެއީ ފިރިހެނުންނާ މުޅިން ތަފާތު 'އެއްޗިހި ތަކެކެވެ'.

އަހަންނަށް ފާހަގަ ކުރެވިފައިވާ އެހެން ކަމެއްވެސް މިތަނުގައި ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ފާހަގަކޮށްލާނަން. މަތީގައިވާ މުސްލިމްގެ ހަދީސްއިންވެސް އެނގޭގޮތުގައި މުސްލިމުން ގަބޫލުކުރާގޮތުން ކަޅު ކުލައިގެ ކުއްތާ އަކީ ޝައިތާނާއެވެ. ނުވަތަ ޝައިތާނާ ވަރަށް ގިނައިން އެ ސިފައަށް ބަދަލުވެއެވެ. ހަމަ އެފަދައިން އެހެން ހަދީސެއްގައިވާގޮތުން ހިމާރު ފެލެނީ އެސޮރަށް ޝައިތާނެއް ފެނުނީމައެވެ. ނުވަތަ ޝައިތާނާ ހިމާރާ އެކުގައި ވަރަށް ގިނައިން ވެއެވެ. އެހެނީ ހިމާރު ފެލޭ ކޮންމެ ފަހަރަކީ ޝައިތާނާ އެތަނުގައި ވާފަހަރެކެވެ. ވީމާ އަންހެނާ ޕީރިއަޑުވީމާވެސް ޝައިތާނާ އެކަނބަލުންނާއެކު ވަނީ ބާއެވެ؟ އައިޝަތުގެފާނު މިކަމުގައި އިސްތިސްނާވަނީ ރަސޫލާ ހުންނަތާކު ޝައިތާނާ ނުހުންނާނެތީބާއެވެ؟ އަންހެނުން ޕީރިއަޑުވީމާ ނަމާދު ކުރުމާ، ރޯދަހިފުމާ، ގުރުއާން ކިޔެވުން ފަދަ ހުރިހާ ބޮޑެތި އަޅުކަންތަކުން ދުރުވާން ޖެހެނީ އެހެންވެބާއެވެ؟

ދެން ކޮންމެއަކަސް މިއީ ﷲ އެކަލޭގެފާނަށް އެންގެވި ގޮތް ކަމުގައި ވަނީނަމަ މުސްލިމު އަންހެނުންނަށް އޮތްގޮތަކީ ޝުކުރުވެރި ވެލައިގެން ތިބުމެވެ. ފަހުން ހެޔޮ ޖަޒާ ލިބޭނެ ދެއްތޯ އެވެ. ކަޅު ކުއްތާ އާއި ހިމާރުން ގެ ދަރަޖައިގާ ތިބުން އެއީ އެއްމެ މޮޅުގޮތެވެ. ވަﷲ އަޢްލަމް!

އ