ޞަޙީހުލް ބުޚާރީ: ވޮލިއުމް1، ފޮތް 4، ނަންބަރު 234
އަބޫ ޤިލާބާ ރިވާކުރެއްވިއެވެ:
އަނަސްގެފާނު ވިދާޅުވިއެވެ؛
"އުކްލު ނުވަތަ އުރައިނާ ޤަބީލާގެ ބަޔަކު މަދީނާއަށް އައެވެ. އަދި އެތަނުގެ މޫސުން އެމީހުންނާ ނުގުޅޭކަމަށްވިއެވެ. އެހެންވެ ނަބިއްޔާ އެމީހުންނަށް އެންގެވީ ކިރުމައި ޖަމަލުބައިގަނޑުގެ ކައިރިއަށްގޮސް އެއެއްޗިހީގެ ކިރާއި ގޮރު (ބޭހެއްގެގޮތުގައި) ބޮއެއުޅުމަށެވެ. ދެން އެބައިމީހުންނަށް އިރުޝާދުދެއްވި ފަދައިން ކަންކުރުމަށް އެމީހުން ދިޔައެވެ. އަދި އެމީހުންގެ ޞިއްޙަތު ރަނގަޅުވުމަށްފަހު އެމީހުން ނަބިއްޔާގެންގުޅުއްވާ ހުއިހައްޕާމީހާ މަރާލާ، ޖަމަލުތައް މިނިވަންކޮށް ދޫކޮށްލިއެވެ. މި ޚަބަރު ވަރަށް ހެނދުނާ ނަބިއްޔާއާ ހަމައަށް ގޮއްސިއެވެ. އަދި އެމީހުން ހޯދުމަށް ބަޔަކުފޮނުއްވާ އެމީހުން ހިފާ ހައްޔަރުކޮށްގެން މެންދުރުގެ ވަގުތެއްގައި ގެނެވުނެވެ.ދެން އެކަލޭގެފާނު އެމީހުންގެ އަތްފައި ކެނޑުމަށް އެންގެވިއެވެ (އަދި އެކަން އެފަދައިން ކުރެވުނެވެ). ދެން އެމީހުންގެ ލޮލުގައި ދޮންދަގަނޑު ޖެއްސިއެވެ. އަދި އަލް ހައްރާ އޭ ކިޔުނު ސަރަހައްދަކަށް އެމީހުން އެއްލާލެވުނެވެ. އަދި އެތަނުގައި އެމީހުން ފެންފޮދަކަށް އެދުމުން އެމީހުންނަށް ފެންދިނުމަށް އިންކާރުކުރެވުނެވެ."
އަބޫޤިލާބާ ދެންނެވިއެވެ "އެބައިމީހުން ވައްކަންކޮށް މީހުންމަރާ، އިސްލާމް ވުމަށްފަހު ކާފިރުވެ ﷲ އާއި ރަސޫލާއާ ދެކޮޅަށް ހަނގުރާމަކުރިއެވެ".
އިސްވެ ދެންނެވުނު ހަދީޘް އެއީ ހަދީސެއްކަމުގައި ނުހަދާ ދިވެހިރާއްޖޭގެ ގިނަ ބަޔަކަށް އެހަދީސް ގައި އެދީފައިވާ އަނިޔާތަކުގެ ވާހަކަ ބަޔާން ކޮއްފިނަމަ އެކަން ކުރީ ވަރަށް އަނިޔާވެރި، ނުލަފާ، އިންސާނިއްޔަތުކަމެއް ނެތް މީހެއްކަމުގައި ގިނަބަޔަކު ދެކޭނެ ކަމީ ޝައްކެއް އޮތް ކަމެއްވެސް ނޫނެވެ. އެކަމަކު އެއީ ހަދީސަކަށް ވުމުން އެއީ ހަމަ އެންމެ ރަނގަޅު، އެކަން ކުރުން އެންމެ ހެޔޮކަންބޮޑުގޮތް ކަމަށް ބުނާނެ މީހުން ގިނަވާނެއެވެ. މިއީ ދީން (އެގަބޫލުކުރާ) އިންސާނުންނަށް ހެވާއި ނުބައި އޮޅުވާލާ ގޮތުގެ ފުރިހަމަ މިސާލެކެވެ.
މިހަދީސްގައި އިސްލާމްވެގެން އައި ބަދަވީންގެ މީހުން ދެކެ މުހަންމަދުގެފާނު ކޯފާ އިސްކުރެއްވީ އެމީހުން އެތަނުގެ މޫސުމާމެދު ޝަކުވާކުރީމާކަމަށް ވުން ގާތެވެ. އެހެނީ އޭރު މުހައްމަދުގެފާނު އެހުންނެވީ މަދީނާގައި ދައުލަތެއް ބިނާކުރައްވާ ސިޔާސީ އަދި އަސްކަރީ ލީޑަރެއްގެ ގޮތުގައެވެ. ދެން މިބައިމީހުން ގާތަށްވެސް ޖަމަލު ކިރާއި ގޮރު ބޮއެގެން އުޅެން ޖެހުނީމާ ޒާތަކަށް ރުޅިވެސް އައީ ތޯއްޗެކެވެ. އެއީވެސް އިންސާނުން ވިއްޔާއެވެ. ކޮންމެއަކަސް މީހަކު މަރައިފި ނަމަ އެމީހަކަށް އިސްލާމްދީނާއި އެނޫންވެސް ވަރަށް ގިނަ ދީންތަކާއި ގާނޫނު ތަކުގައި އޮންނަނީ މަރެވެ. އެކަމު މިމީހާއަށް މިއަރުވާލި ވަރެއްތާއެވެ. ބުޚާރީގެ އެހެން ހަދީސަކުން އެނގޭގޮތުގައި މިމީހުންގެ އަތްފައި ކެނޑުމަށްފަހު ލޭތައް އޮހޮރި ހުސްވަންދެއް، ލޭމަނާވެސް ނުކޮށްބެހެއްޓީއެވެ. މިވާހަކައިގެ އެހެން ރިވާޔަތެއް (ހަމަ ބުޚާރީގެ) ގައި ވާގޮތުން އެމީހުންގެ ލޮލުގައި ދޮންދަނގަޑުޖެއްސުމުގެ އިތުރުން ލޯ ކޮނެލައިގެން ނަގާފައިވާކަމަށް ވެއެވެ. މިއީ ހަމަ ކަނޑައެޅިގެން ޒާތީ ހަސަދައެއް ފިލުވާލުމެވެ. އެމީހުން އެ މަރާލީ އެހެން މީހެއްގެ ބަކަރި ހުއިހައްޕާ މީހާނަމަކާ މިވަރެއް ނޭރުވީހެވެ.
މަރާލިޔަސް އެހާ އަނިޔާވެރި ނުވެ، ނޫނީ އެހާ ސިކު ގޮތަކަށް ނޫނަސް މީހަކު މަރާލެވިދާނެތޯއްޗެ! މީގެ ފަހުބައިގާ ހަދީސް ރިވާކުރިމީހާ އެއުޅެނީ މުހައްމަދުގެފާނުގެ އެ ޢަމަލު ދިފާޢުކުރަންކަމަށެވެ. އޭނާ އެބުނަން އުޅުނީ އެމީހުންގެ ކަންތައް ދެން މާމައްޗައްދިޔައިމާ މިހާ އަނިޔާވެރިކަންވެސް ދެއްކިދާނެއޭ އެވެ.
މީގައި މިވާ ކަންތައްތަކާއި ގުޅޭ އާޔަތެއް ޤުރުޢާނުގައިވެއެވެ. އެއީ އަލްމައިދާ ސޫރަތުގެ ތެއްތިރީސްވަނަ އާޔަތެވެ.
(05:33).
މިއާޔަތުން ދޭހަވާ މާނައީ:
"ހަމަކަށަވަރުން ﷲ އާއި އެކަލާނގެ ރަސޫލާއާ ދެކޮޅުވެރިވެގަނެ ހަނގުރާމަކުރާމީހުންނަށް އޮތް އޮތް ޖަޒާއަކީ :އެމީހުން (އެހެންމީހުނަށް ފިލާވަޅަކަށް ވާނޭފަދަގޮތަކަށް) ޤަތުލުކުރުން، ނުވަތަ ޞަލީބަށް އެރުވުން، ނޫންނަމަ އަތްފައި ޚިލާފުވާނޭހެން (ކަނާއަތް ކަނޑައިފިނަމަ ވާތުފައި، ނުވަތަ ވާއަތްކަނޑައިފިނަމަ ކަނާތުފައި) ކެނޑުން ، ނުވަތަ ރަށުން ބޭރުކޮށް އަރުވާލުމެވެ. އެއީ މިދުނިޔޭގައި އެމީހުންނަށް ހުރި ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެމީހުންނަށް ގަދަފަދަވެގެންވާ އަޒާބު ދެވޭނެކަންކަށަވަރެވެ."
މިއާޔަތުގައި މިވަނީ ޙިރާބާ (ދެކޮޅުވެރިވެގަނެ ހަނގުރާމަކުރުމު)ގެ ހުކުމެވެ. ދެން ހަދީސްގައި އެވާމީހުން މި ގިންތިއަށް ފެތޭތޯ އެއީ އަދި އެހެން ސުވާލެކެވެ. ފެތެނީވެސް ތޯއްޗެކެވެ. ޔަގީންކޮށް އެނގޭކަމަކީ މި ކެޓެގަރީ އަށް އެމީހުން ގެ އަމަލު ފެތޭނަނަމަ މިއާޔަތުގައި މިވާ ކަންތައްތަކުގެ ތެރެއިން ކޮންމެވެސް އެއް އަދަބެއް މިޢަމަލު ހިންގައިފިމީހަކަށް ދެވިދާނެކަމަށް ފިޤުހުވެރިން ވިދާޅުވާކަމެވެ. ސަބަބަކީ މިއާޔަތުގައި އަންގާފައިމިވަނީ މިތަނުން ކޮންމެވެސް އެއް އަދަބެއް ދިނުމަށެވެ. ކޮންމެ ދެކަމެއްގެ ދެމެދުގައި 'އަވ' (ދިވެހިބަހުން 'ނުވަތަ'، 'ނޫންނަމަ') އާދެއެވެ. އެކަމަކު މުހައްމަދުގެފާނުގެ ޒާތީ ކަމެއްވީމާ މިއޮތީ ހުރިހާ އަދަބެއް އެކީ އެއްފަހަރާދީފައިތާއެވެ. ފަހަރެއްގައި އޭގެން އެކިމީހުންނަށް އެކި އަދަބު ދެވުނީ ކަމަށްވެދާނެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއީ އިސްލާމްދީނުގައި ވާ އަނިޔާވެރި ކަމެއްކަމެވެ. ޤުރުޢާނުގައިވެސް ވާ ކަމެއް ކަމެވެ.
ދެން އެންމެ ހެއްވާކަމަކީ ޖެހިގެން އަންނަ އާޔަތުގައި އޮންނަނީ ﷲ ގެ ފާފަ ފުއްސެވުމާއި ރަހުމަތުގެ ވާހަކަ (ޢަފޫރުއްރަހީމް) އެވެ. އެކަމު މިބައިމީހުންނަށް މިހާވޭންހުރި އަނިޔާދީފައި އަދި އަބަދުގެ އަބަދަށް ނަރަކާގައި އަންދާނެކަމައްވެސް އެއޮތީއެވެ. މީގެ ޚުލާސާއަކީ އިސްލާމްދީނަކީ (މަދަނީ ދައުރަށްފަހު އައި ބައިގާ) އަނިޔާވެރިކަމުން ފުރިފައިވާ ދީނެއްކަމެވެ.
އަސްތާ! އަދި މިހުރީ ހަނދާންނެތިފައެވެ. ސައުދީއަރަބިޔާގެ އުއްތަމަ ފަނޑިޔާރު އަދި ޖަސްޓިސް މިނިސްޓަރު ޝެއިޚް ޢަބްދުލް މުޙްސިން ޢުބައިކާން ވަނީ ޖަމަލު ކިރާއި ގޮރު އެއްކޮށްގެން ބުއިމަކީ ޞިއްޙީގޮތުން ފައިދާ ހުރި ކަމެއްކަމަށް މިޒަމާނުގެ ސައެންސުންވެސް ހާމަވާކަމަށް ވިދާޅުވެފައެވެ. އަދި މިއީ މޭގެ (ލިވަރގެ) ބަލިތަކަށް ހުރި މޮޅު ފަރުވާއެއްކަމަށާއި އެއީ ވަރަށް ފައިދާ ހުރި ބުއިމެއްކަމަށް ވިދާޅުވެފައެވެ. އޭނާވިދާޅުވީ ޝަރުޢީގޮތުންވެސް އެކަން މަނާވާނޭ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ. ދެން މިރާއްޖެއަށްވެސް ޖަމަލުގޮރުގެ އެނާރޖީ ޑްރިންކުތައް އަދާލަތުޕާޓީން ގެނެސް ވިއްކާން ފަށާފާނެ ތޯއްޗެކެވެ. މިއީވެސް ދިރުވާންވެފައި އޮތް ބޮޑުވެގެންވާ ސުންނަތެއްވިއްޔާއެވެ.
ސުބްޙާނަﷲ އެވެ. ފައިދާކުރަނިވި ބުއިމެއްކަމުގައި ޖަމަލުގޮރުލެއްވި މަތިވެރި މާތްﷲ އަށް ހަމްދުކުރަމެވެ. މީހުންގެ ލޮލުގައި ދޮންދަނގަނޑު ޖައްސާ އަތްފައި ކަނޑުއްވާ އުޅުއްވި މާތް ރަސޫލާ ރަޙްމަތުއްލިލް ޢާލަމީން މުޙަންމަދުގެފާނަށް ޞަލަވާތްލައްވާށިއެވެ. އާމީން.ވަލްހަމްދުލިﷲ ރައްބިލްޢާލަމީން.
އ