Saturday, February 23, 2008

ފައްޅި އެންދުމާއި ކަނޑިން ދީންފެތުރުން


ޞަޙީހުލްބުޚާރީ،ވޮލިއުމް:5، ފޮތް:59،ނަންބަރު:643

ޤައިސް ރިވާކުރެއްވިއެވެ.
ޖަރީރްވިދާޅުވިއެވެ :
"ﷲ ގެ ރަސޫލާ އަހަންނަށް ހަދީސްކުރެއްވިއެވެ، "ޛުލްޚަލަސާގެ ކިބައިން ތިމަން ކަލޭގެފާނު މިންޖުކޮށް ސަލާމަތްކޮށްދީފާނުހެއްޔެވެ؟" ތިމަން (ޖަރީރް) ދެންނެވީމެވެ، "އާދޭހެވެ (ތިޔަކަން ކޮށްދޭހުށީމެވެ)".
ދެން އަޚްމާސް ޤަބީލާގެ އަސްދުއްވުމަށް ކުޅަދާނަ ހުނަރުވެރި ސަތޭކަ ފަންސާސް އަސްވާރުންނައިގެން އަހަރެން (އެމަސައްކަތައިގެން) ކުރިއަށް ދިޔައިމެވެ.

އޭރު އަހަންނަކީ އަހުގެމަތީގައި ހަމަޖެހި ސާބިތުކަމާއެކީ އިނދެވޭ މީހެއްނޫނެވެ، އެހެންވެ އެކަން އަހަރެން ނަބިއްޔާއަށް އެންގީމެވެ، އަދި އެކަލޭގެފާނު އަހަރެންގެ މޭމަތީގައި -އެޖެއްސެވިތަން ފާހަގަވެ އެނގޭވަރުވަންދެއް- އަތްޕުޅުން ޖެއްސެވިއެވެ. އަދި ހަދީސްފުޅުކުރެއްވިއެވެ،"ޔާﷲ! މީނާ ސާބިތުކުރައްވާނދޭވެ.އެހެންމީހުންނަށް (ތެދުމަގަށް) މަގުދައްކާދޭ އަދި ތެދުމަގު ލިބިގެންވާ މީހެއްކަމުގައި މީނާ ލައްވާނދޭވެ". އޭގެފަހުން އަހަރެން ދުވަހަކުވެސް އަހަކަށް ސަވާރުވެގެންއިންދާ ވެއްޓިފައެއްނުވެއެވެ.

ޛުލްޚުލަސާ އަކީ ޔަމަނުގައި ހުންނަ؛ ޚަތަމް އަދި ބަޖައިލާ ޤަބީލާއަށް ނިސްބަތްވާ ގެއެކެވެ، އަދި އެތަނުގެތެރޭގައި އަޅުކަންކުރެވޭ ބުދުތަކެއްވިއެވެ، އަދި އެތަނަށް އަލް ކައުބާ އޭ ކިޔާ ނަންދެވިފައިވިއެވެ. ޖަރީރް އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި ހުޅުޖަހާ އަންދާލާ އެތަން ބިމާހަމަކޮށް ރޫޅާލިއެވެ.

ޖަރީރް ޔަމަނަށް ވަޑައިގެންއިރު އެތަނުގައި ކުރިއަށް ވާންހުންނަ ކަންތައްތައް ބުނެދީ، ކަހީނުކަމުގެ ތީރު އުކައިގެން ހެޔޮފާލު ބުނެދީ އުޅުނު މީހަކު (ކަހީނަކު) އުޅުނެވެ. ކޮންމެވެސް މީހަކު އެމީހާއަށް ބުންޏެވެ:
"ﷲ ގެ ރަސޫލާ މިތަނުގައި ހާޒިރުވެވަޑައިގެން އެބަ ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައި ކަލޭ ޖެހިއްޖެނަމަ، އެކަލޭގެފާނު ކަލޭގެ ކަރު ބުރިކޮށްލާނެއެވެ".

އެއްދުވަހަކު އެ (ކަހީނު) މީހާ އެއެއްޗެތި (ކަހީނުކަމުގެ ތީރުތައް) ބޭނުންކުރަމުންދަނިކޮށް ޖަރީރް އެތަނުގައި މަޑުކުރައްވާ އޭނާއަށް ދެންނެވިއެވެ:
"ތިޔައެއްޗެހިތައް (ތީރުތައް) ބިންދާލާށެވެ، އަދި ﷲ ފިޔަވާ ހައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވާށެވެ (އެބަހީ ޝަހާދަތް ކިޔާ އިސްލާމްވާށެވެ)، އެހެންނޫނިއްޔާ އަހަރެން ކަލޭގެ ކަރު ބުރިކޮށްލާނަމެވެ."
ދެން (އެހެން ދެންނެވުމުން) އެމީހާ ތީރުތައް ބިންދާލާ، ﷲ ފިޔަވާ ޚައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށްހެކިވިއެވެ (ޝަހާދަތްކިޔާ އިސްލާމްވިއެވެ)
ދެން ޖަރީރް މިކަމުގެ (ޛުލް ޚަލާސާ އަންދާ ހަލާކުކޮށްލެވުނުކަމުގެ) ހެޔޮ ހަބަރު ދެންނެވުމަށް ނަބިއްޔާގެ އަރިހަށް އަހްމާސް ޤަބީލާގެ އަބޫ އަރްތަތާ ނަމަކަށްކިޔުނު މީހަކު ފޮނުއްވިއެވެ. ދެން އެމީހާއަށް ނަބިއްޔާއާ ހަމައަށް ދެވުމުން އޭނާ ދެންނެވިއެވެ:
" އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނު ޚައްޤައިގެން ފޮނުއްވެވި ފަރާތް ގަންދީ ބުނަމެވެ، އެތަން ދޫކޮށް އަހަރެން އައި އިރު އެތަންވަނީ ކުރަލާފައިވާ ޖަމަލެއްފަދައިންނެވެ."
ދެން ނަބިއްޔާ އަހްމާސް ޤަބީލާގެ އަސްތަކަށާއި އެގަބީލާގެ ފިރިހެނުންނަށް ފަސް ފަހަރަށް ހެޔޮދުއާކުރެއްވިއެވެ.

މިހަދީސްގައި މީހަކު އެ ކަހީނު ކަލޭގެ އަށް އިންޒާރު އެދެނީ ވަރަށް ބިރުވެރި ކަމަކާމެދުއެވެ. އެއީ މުހައްމަދުގެފާނު އެސަރަހައްދުގައި އުޅޭވާހަކައެވެ. ބިރުވެރިވަނީ ކީއްވެގެތޯއެވެ؟ އެއީ އޭނާގެ ކަރު އެކަލޭގެފާނު ބުރިކޮށްލާނެކަމުގެ ބިރު އޮތީމައެވެ. މިއީ މުހައްމަދުގެފާނާމެދު މީހުން ގެ ހިތްތަކުގައި ބިރުވެރިކަން އޮތް މިންވަރެވެ. މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އިނގިރޭސިބަހުން ކިޔާއުޅެނީ "ޓެރަރިޒަމް" އެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންނަށް "ޓެރަރިސްޓުން"ނެވެ. އެކަލޭގެފާނުގެ ގޮތް މިމީހާއަށް ރަނގަޅަށް އެނގެނީތާއެވެ. ބިރުގަތުން ހައްގެވެ.

ދެން ބަލާލަންޖެހޭ އަނެއްކަމަކީ ބަޔަކުމީހުން އެހެން ކައުބާއެއް ހަދައިގެން އުޅޭތީ އެތަން އަންދާލަން ފޮނުވުމެވެ. މިއީ ދީނަށް ގޮވާލުމުގެ މަގެކެވެ. މިބާވަތުގެ މިޝަނަރީ ހަރަކާތްތަކުގައި އޮންނަނީ ތިން އިޚްތިޔާރެވެ. އެއީ އިސްލާމްވުން،މުސްލިމުންނަށް ޖިޒީދީގެން އެމީހުންގެ ދަށުގައި (ޛިންމީންގެ ގޮތުގައި) އުޅެން އެއްބަސްވުން ނުވަތަ އިސްލާމްނުވުމެވެ. ފަހު އިޚްތިޔާރު (ފުރަތަމަ ދެގޮތްގަބޫލުނުކުރުމު)ގެ މާނައަކީ މަރެވެ. ޖިޒީ ދިނުމުގެ އިޚްތިޔާރުވެސް ދޭފަހަރާ ނުދޭފަހަރު އާދެއެވެ. މިހަދީސްގައި ޖަރީރް އެވަނީ ކަހީނު މީހާއަށް މި އިޚްތިޔާރު ނުދީފައެވެ. އޭނާއަށް އޮތީ އިސްލާމްވުން ނުވަތަ މަރުވުމެވެ.ކުރާނެ ކަމެއްނެތެޗެ މާތް ﷲ އޭނާއަށް ޞުލްހައިގެ ދީނުގެ މަގަށް ހިދާޔަތު ދެކެވުމަށް އިރާދަކުރެއްވީ ކަނޑީގެ މިޔަދަށުގައެވެ.

ޞުލްހައިގެ ދީނުގެ ނަމުން މަޝްހޫރުވެފައިވާ އިސްލާމްދީނުގެ ބާނީ އަދި ރަސޫލާ، ކޮމާންޑަރު މުހައްމަދުގެފާނުގެ އަމުރަށް އައިސް ދެ ޤަބީލާއެއްގެ މުގައްދަސް ތަނެއް އެހަލާކުކޮށްލީއެވެ. ރޯކޮށްލާ ބިމާހަމަކޮށްލީއެވެ. މިއީ ތޯލިބާނުން އަފްގާނިސްތާނުގެ ބާމިޔާންގައި ހުރި ބުއްދާ ގެ ބޮޑު ދެބުދު ހަލާކުކޮށްލުމަށް ހިތްވަރު ލިބިގަތް ހަދީސް އަކަށްވެދާނެއެވެ. މިއީ އިސްލާމްދީނުގައި އެހެން ދީންތަކުގެ މީހުނަށް އިޚްތިރާމް ނުކުރާކަމުގެ ލާމަސީލު މިސާލެކެވެ. އަނިޔާވެރިކަމާ ގަދަބާރުން ދީންފެތުރުމުގެވެސް މިސާލެކެވެ. މިއީ ސުންނީމުސްލިމުންގެ ގިނަ ޢިލްމުވެރިންގެ އަރިހުގައި ޞައްޙަ ހަދީސްފުޅެކެވެ. ﷲ އަކުބަރު!
އހ

Wednesday, February 20, 2008

މުހައްމަދުގެފާނު އަންހެނުންނަށް ފުރައްސާރަކުރެއްވުން



ވޮލިއުމް:4 ފޮތް:54 ހަދީސްނަމްބަރު:464
ް

އިމްރާން ބިން ހުސެއިން ރިވާކުރެއްވިއެވެ؛

ނަބިއްޔާ ހަދީސް ކުރެއްވިއެވެ، "އަހަރެން ސުވަރުގެއަށް ބަލާލީމެވެ، އަދި އެތަނުގެ އަހުލުންގެ ތެރޭގައި އެއްމެ ގިނައީ ފަގީރުން ކަމުގައި ވާތީ ދުށީމެވެ؛ އެއަށްފަހު އަހަރެން ނަރަކައަށް ބަލާލީމެވެ ، އަދި އެތަނުގެ އަހުލުންގެ ތެރޭގައި ގިނައީ އަންހެނުން ކަމުގައި ވާތީ ދުށީމެވެ".

މިހަދީސުން ކަނޑައެޅިގެން އެނގޭ އެއްކަމަކީ ނަރަކައިގާ އަންހެނުން ގިނަކަމެވެ. ސަބަބު ބަޔާން ކުރެވިފައެއް ނެތެވެ. ވީމާ މުސްލިމު ކޮންމެ މީހަކުވެސް އޭނާގެ ދީނާ މެދު ޝައްކު ކުރުމެއްނެތި އެބުނާ ވާހަކައެއް ހަމަޖައްސަން މަސައްކަތް ކުރާނެއެވެ. އެމީހުން ބުނެދާނެއެވެ : "ދުނިޔެ ފެށުމާ ނިމުމާދެމެދު އަންހެނުން އުފަންވާ ނިސްބަތް ގިނަވެއްޖެނަމަ އެހެން ވެދާނެނޫންހެޔެވެ؟" އަނެއް ބަޔަކު ބުނެދާނެއެވެ، "އޭގައި މައްސަލައަކީ ކޮބާހެއްޔެވެ؟ އަންހެނުން ނަރަކައިގާ ގިނަވުމުގެ މާނައަކީ އެމީހުންގެ ތޮބީއަތުގައި ފާފަވެރިވުން ވުމެއް ނޫނެވެ. އެއީ މުސްތަގްބަލުގެ އިލްމުން ﷲ ރަސޫލާއަށް އެންގެވި ހަގީގަތެކެވެ.އެއީ އެމީހުންގެ ކުށެއްނޫނެވެ އެއީ ހަގީގަތެކެވެ."

ނަމަވެސް ހަގީގަތަކީ އެއީ ކޮންމެވެސް ވަރަކަށް އެކަނބަލުންގެ ތޮބީއަތާ ގުޅިފައިވާ ކަމެއްކަމަށް އިސްލާމްދީނުގައި ވާކަމެވެ.އަދި އެކަނބަލުންނަށް ދީނުގައިވާ ހަރުކަށި ހުކުމްތަކަށް ތަބާނުވެވޭނެތީ ވާނެ ގޮތެވެ.މިވާހަކަތަކަށް ޖަވާބު ދިނުން އެއްމެ މޮޅުވާނީ ރަސޫލާ އެބަސްފުޅުން މާނަކުރި އެއްޗެއް އެނގޭނެ އެހެން ހަދީސަކަށް ބަލާލުމުންނެވެ.

ޞަޙީހުލް ބުޚާރީ، ވޮލިއުމް:1 ފޮތް:6 ނަމްބަރު:301
އަބޫ ސައިދް އަލްޚުރްދީ ރިވާކުރެއްވިއެވެ؛
އެއްފަހަރަކު ﷲ ގެ ނަބިއްޔާ ފިތުރު ނުވަތަ އަލްހާ އީދުނަމާދު ކުރައްވަން ވަޑައިގެންނެވި އެވެ. (ވަޑައިގެން މަގުމަތީގައި) އަންހެންވެރިން ހުރަސްކުރައްވާ ވަޑައިގަންނަވަމުން ހަދީސް ކުރެއްވިއެވެ؛
"އޭ އަންހެނުންނޭވެ! ސޮދަގާތް ދޭށެވެ، އެހެނީ ނަރަކައިގެ އަހުލުވެރިންގެ ބޮޑުބަޔަކީ ތިޔަކަނބަލުން ކަމުގައިވާތީ ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ." އެކަނބަލުން ސުވާލުކުރެއްވިއެވެ؛ " އޭ ﷲ ގެ ނަބިއްޔާއެވެ، އެއީ ކޮން ސަބަބަކާހުރެތޯއެވެ؟" އެކަލޭގެފާނު ޖަވާބުދެއްވިއެވެ: "ތިޔަކަނބަލުން ގިނަގިނައިން (އެހެންމީހުންނަށް) ލައުނަތްދީ ހަދައެވެ،އަދި ތިޔަކަނބަލުންގެ ފިރިންނަށް ޝުކުރުވެރިއެއް ނުވެއެވެ. ތިޔަހާ ބުއްދި އާއި ދީނުގައި އުނިބަޔަކު ތިމަންކަލޭގެފާނު ދުވަހަކުވެސް ދެކެވަޑައި ނުގަންނަވަމެވެ. ތިޔައިގެ ތެރެއިން ބައެއް ކަނބަލުންގެ ސަބަބުން ހެޔޮވިސްނޭ ބުއްދިވެރި ފިރިހެނަކުވެސް މަގުފުރެދިގެން ހިނގައިދާނެއެވެ." އެކަނބަލުން ސުވާލު ކުރެއްވިއެވެ:
"އޭ ﷲ ގެ ނަބިއްޔާއެވެ. އަހަރެމެންގެ ބުއްދިއާއި ދީނުން އުނިވަނީ ކޮން އެއްޗެއްތޯއެވެ؟"
އެކަލޭގެފާނު ހަދީސްފުޅުކުރެއްވިއެވެ: "ދެ އަންހެނުންގެ ހެކިބަހާ އެއްމެ ފިރިހެނެއްގެ ހެކިބަސް އެއްވަރު ކަމުގައި ނުވޭހެއްޔެވެ؟" އެކަނބަލުން އެކަމާ އެއްބަސްވެ ޖަވާބު އެރުވިއެވެ.
އެކަލޭގެފާނު ހަދީސްކުރެއްވިއެވެ: "
މިއީ އެކަނބަލުން (އަންހެންވެރިން)ގެ ބުއްދީގައިވާ އުނިކަމެވެ. ޕީރިއަޑުވެގެން އުޅޭދުވަސްވަރު އަންހެނުން ނަމާދުކުރުމާ ރޯދަހިފުމުން ދުރުވާން ނުޖެހޭ ހެއްޔެވެ؟" އެކަނބަލުން އެކަމާވެސް އެއްބަސްވިއެވެ. ދެން އެކަލޭގެފާނު ހަދީސްފުޅުކުރެއްވިއެވެ، "މިއީ އެކަނބަލުން (އަންހެންވެރިން) ގެ ދީނުގައިވާ އުނިކަމެވެ".

މިހަދީސުން މިކަމުގެ މައިގަނޑު ސަބަބުތައް އެބައެނގެއެވެ. އެއީ އަންހެންވެރިން އެހެން މީހުންނަށް ލައުނަތްދީ ހަދާލެއް ގިނައީޔޯލައެވެ. އެއްމެ ރަނގަޅެވެ. އޭރު މައްކާ އާއި މަދީނާގައި އުޅުނު އަންހެނުން ލައުނަތްދޭ މިންވަރެށް މަށަށްވުރެ ރަނގަޅަށް މުހަންމަދުގެފާނަށް އެނގިދާނެއެވެ. ދެން އެބުނަނީ ފިރިންނަށް ޝުކުރުވެރި ނުވާ ވާހަކައެވެ. މަގޭ ހިތަށް އަރަނީ އޭރު މުހަންމަދުގެފާނާ ސަހާބީން އެމީހުންގެ އަނބިންނާމެދު ކަންތައް ބެހެއްޓި ގޮތަށްބަލާއިރު އެމީހުން ޝުކުރުވެރި ނުވުން އެއީ މައްސަލައެއް ނޫނެވެ. ގޭތެރެއިން ނުކުމެވޭކަށްނެތެވެ. ބޮޑު ޓެންޓެއްގެ ތެރޭގައި ނިވާވެގެން ތިބެންޖެހެއެވެ. ކިތަންމެ ވަރެއްކުރިއަސް ފިރިމީހާއަށް ޝަކުވާކުރެވޭކަށްނެތެވެ. ފިރިމީހާ އެދޭވަގުތު 'ކަންތައް' ނުކޮށްދީފިއްޔާވެސް ﷲ ގެ ލައުނަތްލިބެއެވެ. ފިރިމީހާއަށް ނުކިޔަމަންވާނަމަ އަނިޔާކުރެއެވެ. މިފަދަ އެތައްކަމެކެވެ. މިކަމާ އެއްބަސް ނުވާނެ މީހަކު އެއްބަސް ނުވާންވީއެވެ. އަދި ފަހުން މިވާހަކަތައް ތަފްސީލުކޮށް ލިޔެވޭތޯ ބަލާނަމެވެ.

ދެން އެހަސީކުރައްވަނީއޭ: "
ތިޔަހާ ބުއްދި އާއި ދީނުގައި އުނިބަޔަކު ތިމަންކަލޭގެފާނު ދުވަހަކުވެސް ދެކެވަޑައި ނުގަންނަވަމެވެ. ތިޔައިގެ ތެރެއިން ބައެއް ކަނބަލުންގެ ސަބަބުން ހެޔޮވިސްނޭ ބުއްދިވެރި ފިރިހެނަކުވެސް މަގުފުރެދިގެން ހިނގައިދާނެއެވެ." ހެޔޮނުވާނެއެވެ. މިއީ މިޒަމާނުގައި އާދައިގެ މީހެއްގެ ފުށުންވެސް އިވުން ދުރުބަސްތަކެކެވެ. އެހެންމީހުންނަށް ނަމޫނާއެއްކަމަށް ދައުވާކުރާ ރަސޫލަކުގެ ދުލުން މިބަސްތައް ބޭރުވުމުން އަޖައިބުވެ އަންތަރީސް ވާހާވެއެވެ.

މިތަނުގައި ފުރަތަމަ ޖުމްލާގައި އެ އިޝާރާތް ކުރައްވަނީ ހަމަ އެކަނި އެ ވާހަކަފުޅުދެއްކެވި ބަޔަކަށް ނޫނެވެ. އެކަމަކު ވޭތުވެ ދިޔަތަނުގައި އަދި އަންނަން އޮތްހާދުވަހަކު ދިރިއުޅުނު/ދިރިއުޅޭނެ އެއްމެހާ އަންހެނުންނަށެވެ. އެކަން ފަހުން އެހަދީސް ކުރައްވާ އެއްޗަކުން އެނގޭނެއެވެ.

މިއީ ވަރަށް ޒަމާންވީ އަގީދާއެކެވެ. ބޯދާ އަގީދާއެކެވެ. ގަދީމީ ވަރަށްގިނަ ދީންތަކާއި ފަލްސަފާތަކުގައި ދުނިޔޭގެ ހުރިހާ ނުބައެއްގެ ފަހަތުގައިވަނީ އަންހެނުންކަމުގައި ދެކެއެވެ. މިއީ އިސްލާމް ދީނަށް ހާއްސަ ކަމެއްކަމުގައި ނުދެކެވެއެވެ. އެހެނަސް މިއީ މިއަދުގެ ދުނިޔޭގައި "ގެރެންޓީ ހަމަވެފައިވާ" ވިސްނުމެކެވެ.


ދެން އެ ދެގޮތުންމެ އެކަނބަލުން އުނިވީ ކީއްވެކަން އެހާމަކުރެއްވީއެވެ. ގަބޫލުކުރަން ބޭނުން ނުވިނަމަވެސް މުހަންމަދުގެފާނު ދުނިޔޭގެ އެއްމެހާ އަންހެނުންނާ ދިމާއަށް އެފަދަ ނިކަމެތި، ދަށުދަރަޖައިގެ ގޮތަކަށް އެ ހަދީސްކުރެއްވި އެއްޗަކީ އެކަނބަލުން ކުރި ކުށަކާ ނުލާ އެއްވެސް ޚައްޤަކާނުލާ ހަދީސްކުރެއްވި އެއްޗެކެވެ.
އާދެ އެހެންގޮތަކަށް ދަންނަވާނަމަ އެއީ އަންހެނެއްގެ ގޮތުގައި ދުނިޔެއަށް އައުމުގެ ބަދުނަސީބުކަމުން ވީގޮތެކެވެ. ޕީރިއަޑުވުމަކީ އެކަނބަލުންގެ ކުށެއްތޯއެވެ؟ އެކަމަކު ޕީރިއަޑުވީމާ އަޅުކަން ކުރުން މަނާކޮށްފައި އެކަމާ މަލާތް ކުރާޒާތަށް ވާހަކަ ދެއްކުމީ އެމީހެއްގެ ފެންވަރު އެނގިގެންދާކަމެކެވެ. ހަމައެހެން؛
ދެ އަންހެނުންގެ ހެކިބަހާ އެއްމެ ފިރިހެނެއްގެ ހެކިބަސް އެއްވަރު ކަމުގައި ބުނެފައި އެކަމާ ވިއްދައިގެން އެއީ ކަލޭމެންނަކީ ފުރިހަމަ ބުއްދިއެއް ލިބިފައި ނުވާބަޔަކަށް ވީމައޭ ބުނުމަކީ ކޮންފަދަ މަލާމާތެއްހެއްޔެވެ. ކޮންފަދަ އަނިޔާއެއް ހެއްޔެވެ. އެބައިމީހުންނަށް އޮޅުވާލައިގެން އެތައްބައިވަރު ފައިދާއެއް ނަގަމުން އަދި ނުވިތާކަށް އެމީހުން ނިކަމެތިކޮށްފައި އެނިކަމެތިކަމާމެދު ހަޖޫޖަހާ މަލާމާތް ކުރުމަކީ ވަރަށް ވިޔާނުދާ ، އަނިޔާވެރިކަމާ ބޮޑާކަމުގެ އިންތިހާއެވެ. އެހެންނޫން ތޯއެވެ؟

ވަﷲ އަޢުލަމް!
އަހަރެން ދުނިޔޭގެ އެއްމެހާ އަންހެނުންގެ ޚައްޤުގައި، މި ހަދީސް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރަމެވެ. އހ

Monday, February 18, 2008

އިސްލާމްދީނުގައި ކަޅުކުއްތާއާ ، ހިމާރާއި އަންހެނުން








حدثنا إسماعيل بن خليل: حدثنا علي بن مسهر، عن الأعمش، عن مسلم، يعني ابن صبيح، عن مسروق، عن عائشة:

أنه ذكر عندها ما يقطع الصلاة، فقالوا: يقطعها الكلب والحمار والمرأة، قالت: لقد جعلتمونا كلابا، لقد رأيت النبي عليه السلام يصلي، وإني لبينه وبين القبلة، وأنا مضطجعة على السرير، فتكون لي الحاجة، فأكره أن أستقبله، فأنسل انسلالا.


ޞަޙީހުލް ބުޚާރީ: ވޮލިއުމް: 1 ފޮތް: 9 ހަދީސްނަމްބަރު: 490

އައިޝަތުގެފާނު ރިވާކުރެއްވިއެވެ؛ ނަމާދު ގެއްލޭ ކަންތައްތައް އަހަރެންގެ ކުރިމަތީގައި ހާމަކުރެވުނެވެ. އެބައިމީހުން ބުންޏެވެ؛ "ކުއްތާ އަކާ، ހިމާރަކާ، އަންހެނެއްގެ ސަބަބުން ނަމާދު ގެއްލެއެވެ( އެބަހީ ނަމާދަށް ހުންނަމީހެއްގެ ކުރިމަތިން މީގެން 'އެއްޗެއް' ހުރަސްކޮށްފިނަމަ ނަމާދު ގެއްލެއެވެ.) ". އަހަރެން ބުނީމެވެ؛ "ކަލޭމެން އަހަރެމެން (އަންހެނުން) ކުއްތާތަކެއްކަމުގައި ހަދައިފީމުއެވެ. އަހަރެންގެ އެނދުގައި ރަސޫލާ އާއި ޤިބްލައާދެމެދު އަހަރެން އޮށޯވެގެން އޮންނަ އިރުވެސް އެކަލޭގެފާނު ނަމާދު ކުރައްވަމުން ގެންދަވާތަން އަހަރެން ދުށީމެވެ. އަހަރެން އެއްޗަކަށް ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި މަޑުމަޑުން ދެމިގަނެގެން ދަނީއެވެ. އެއީ އެކަލޭގެފާނާ ސީދާ ކުރިމަތިލުމަށް އަހަރެން ހިތްހަމަނުޖެހޭތީއެވެ ."

މިތަނުގައި މިވާހަދީސް އާމެދު ގިނަ މުސްލިމުން ބުނާނެކަމަށް ފެންނަނީ "އެއީ ރަސޫލާ ހަދީސް ކުރެއްވިއެއްޗެއް ނޫނެއްނު؟"
މީގެ ޖަވާބުގައި ސަހީހް މުސްލިމް ގެ ހަދީސެއް ނަކަލު ކޮއްލާނަމަވެ.

ޞަޙީހް މުސްލިމް: ފޮތް: 4 ހަދީސްނަމްބަރު: 1032


އަބޫޛައްރު ރިވާކުރެއްވިއެވެ: ﷲ ގެ ރަސޫލާ ހަދީސްފުޅު ކުރެއްވިއެވެ. ތިޔަބައިމީހުން ކުރެ ކޮންމެމީހަކުވެސް ނަމާދު ކުރަން ހުންނައިރު ކުރިމަތީގައި ޖަމަލުގެ މަތީގައި އިށީނުމަށް އެހުންނަ އެތި (ސެޑަލް) ގެ ފަހަތުބައި ވަރުގެ އުސް އެއްޗެއް ކުރިމަތީގައި ހުންނަ ހުއްޓެވެ. ޖަމަލުގެ ސެޑަލްގެ ފަހަތުބައި ވަރު އުސް އެއްޗެއް ކުރިމަތީގައި ނެތް ހާލަތެއްގައި، ހިމާރެއް، އަންހެނެއް އަދި ކަޅު ކުއްތާއެއް ގެ ސަބަބުން އެމީހެއްގެ ނަމާދު ގެއްލޭނެއެވެ. އަހަރެން (ރާވީ) ބުނީމެވެ، އޭ އަބޫޛައްރެވެ. ފަހެ ރަތް ނުވަތަ ރީނދޫ ކުއްތާއަކާ ކަޅު ކުއްތާއެއް ތަފާތުވަނީ ކޮންގޮތަކުންތޯއެވެ؟ އޭނާ ބުންޏެވެ: އޭ އަހަރެންގެ އަޚް ގެ ދަރިޔާ އެވެ، އަހަރެން ކުރެ ތިޔަ ކުރި ސުވާލު އަހަރެން ﷲ ގެ ރަސޫލާއާވެސް ކުރީމެވެ، އަދި އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ : ކަޅު ކުއްތާ އަކީ ޝައިތާނެކެވެ.

ދެން ބުނާނީ ކީކޭ ހެއްޔެވެ. ގުރުއާނަށްފަހު ސުންނީ މުސްލިމުންގެ އެއްމެ ސައްހަ އެއްމެ މުހިއްމު ދީނީ ދެފޮތުގައިވެސް އެވަނީ މިހެންނެވެ. ދެވަނަ ހަދީސް ގައި އެވާގޮތުން އެހެން ބުނެފައި އެވަނީ ހުދު މުހައްމަދު ގެފާނެވެ. އިތުރު މީހެއް ނޫނެވެ. ބައެއް ދީނީ އިލްމުވެރިން ބުނާގޮތުގައި މިއީ ހަމަ އެކަނި އަންހެނުން ޕީރިއަޑު ވެފައިވާ ދުވަސް ވަރަށް ހާއްސަ ކަމެކެވެ. މާނައަކީ ހިމާރާ ، ކުއްތާ ފަދައިން ނަމާދު ގެއްލުވާ 'އެއްޗަކަށް' އަންހެނުންވަނީ ޕީރިއަޑުވުމުން އެކަންޏެވެ. އެހެންވީމާ އައިޝަތުގެފާނު އެވިދާޅުވި ވާހަކައާ ފުށުއެރުން އެބަކުޑަވެއެވެ. އެހެންނޫނަސް ރަސޫލާއާއި ރަސޫލާގެ އަނބި އަނބި ކަނބަލުންނަކީ އެހެން މުސްލިމުންނާ ތަފާތު ހުކުމްތަކެއް ވާ ބައެކެވެ، އެބައިމީހުންނާ އާއްމު މުސްލިމް އަންހެނުންނާ ތަފާތުވާނެއެވެ.

ދެން އެތަންމިތަނުން ހަދީސްތައް ދަމާނެރެގެން، އަދި އަރަބި ޑިކްޝަނަރީތަކަށް ހަވާލާދީގެންވެސް މީގައިފޮރުވިފައިވާ މާނަ 'އޮޅުން ފިލުވާދޭން' މުސްލިމް އިލްމުވެރިން އުޅޭނެއެވެ. ނަމަވެސް ފާހަގަ ކުރަން ބޭނުންވާ ނުކުތާ އަކީ މުހަންމަދުގެފާނު އެފަދައިން ހަދީސް ކުރައްވާފައިވާ ކަމާއި މިއީ އިސްލާމް ދީނުގައި މިކަން އޮންނަ ގޮތްކަމެވެ. ފިރިހެނަކު ނަމާދަށް ހުންނަ މީހެއްގެ ކުރިންމަތިން (ސުތުރާ އާއި އެމީހާއާ ދެމެދުން) ހުރަސްކޮށްފިނަމަވެސް އެމީހަކު ހުއްޓުވަން ޖެހެއެވެ. ނަމަވެސް ފިރިހެނަކު ގޮއްސިނަމަ ނަމާދެއް ނުގެއްލޭނެ، އެކަމަކު ހިމާރާ، ކަޅުކުއްތާއާއި އަންހެނުން ދިޔުމުން ނަމާދު ގެއްލުނީއެވެ. އެއީ ފިރިހެނުންނާ މުޅިން ތަފާތު 'އެއްޗިހި ތަކެކެވެ'.

އަހަންނަށް ފާހަގަ ކުރެވިފައިވާ އެހެން ކަމެއްވެސް މިތަނުގައި ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ފާހަގަކޮށްލާނަން. މަތީގައިވާ މުސްލިމްގެ ހަދީސްއިންވެސް އެނގޭގޮތުގައި މުސްލިމުން ގަބޫލުކުރާގޮތުން ކަޅު ކުލައިގެ ކުއްތާ އަކީ ޝައިތާނާއެވެ. ނުވަތަ ޝައިތާނާ ވަރަށް ގިނައިން އެ ސިފައަށް ބަދަލުވެއެވެ. ހަމަ އެފަދައިން އެހެން ހަދީސެއްގައިވާގޮތުން ހިމާރު ފެލެނީ އެސޮރަށް ޝައިތާނެއް ފެނުނީމައެވެ. ނުވަތަ ޝައިތާނާ ހިމާރާ އެކުގައި ވަރަށް ގިނައިން ވެއެވެ. އެހެނީ ހިމާރު ފެލޭ ކޮންމެ ފަހަރަކީ ޝައިތާނާ އެތަނުގައި ވާފަހަރެކެވެ. ވީމާ އަންހެނާ ޕީރިއަޑުވީމާވެސް ޝައިތާނާ އެކަނބަލުންނާއެކު ވަނީ ބާއެވެ؟ އައިޝަތުގެފާނު މިކަމުގައި އިސްތިސްނާވަނީ ރަސޫލާ ހުންނަތާކު ޝައިތާނާ ނުހުންނާނެތީބާއެވެ؟ އަންހެނުން ޕީރިއަޑުވީމާ ނަމާދު ކުރުމާ، ރޯދަހިފުމާ، ގުރުއާން ކިޔެވުން ފަދަ ހުރިހާ ބޮޑެތި އަޅުކަންތަކުން ދުރުވާން ޖެހެނީ އެހެންވެބާއެވެ؟

ދެން ކޮންމެއަކަސް މިއީ ﷲ އެކަލޭގެފާނަށް އެންގެވި ގޮތް ކަމުގައި ވަނީނަމަ މުސްލިމު އަންހެނުންނަށް އޮތްގޮތަކީ ޝުކުރުވެރި ވެލައިގެން ތިބުމެވެ. ފަހުން ހެޔޮ ޖަޒާ ލިބޭނެ ދެއްތޯ އެވެ. ކަޅު ކުއްތާ އާއި ހިމާރުން ގެ ދަރަޖައިގާ ތިބުން އެއީ އެއްމެ މޮޅުގޮތެވެ. ވަﷲ އަޢްލަމް!

އ