Wednesday, March 12, 2008

ރިފޯމްކުރަންވީ ދީނެއްނޫން، މީހުންގެ ވިސްނުން

ބުލޮގެއްޖަހައި ނުލެވޭތާ ލައްކަދުވަސްވެއްޖެދޯ. ދެން މިފަހަރު މި ލިޔެލަނީ އިސްލާމިކް ރީފޯމް އާބެހޭގޮތުން. ސަބަބަކީ އިސްލާމް ދީނާ، ޔަހޫދީ ދީނާ،ނަސޯރާ ދީނާ، ހިންދޫދީނާ، މަޖޫސީ ދީނާ، ޔަޒީދީ ދީނާ، އުދުހޭ ސްޕެގެޓީފުރޭތައިގެ ދީނާ، ސައިންޓޮލޮޖީއާ، ދެން މިހެންގޮސް ހުރިހާ ދީންތަކަކީވެސް ވަކި ސަބަބެއް ނެތަސް އިންސާނުން ކުރެ ގިނަ އަދަދެއްގެ ބަޔަކަށް ހަމަ ސައްތައިން ގަބޫލުކުރެވިގެން އެޔަކާހެދި ޖާނުދީ، މަރުހިފާ ދަރަޖައަށް ގޮސްފައިވާ ކަންތައްތަކަށްވާތީ؛ މިޒާތުގެ- އެއްވެސް މަސްދަރެއްނެތް - ޤަބޫލުކުރުންތައް އެއީ މާފަސޭހައިން ދޫކޮށްލެވެން އޮތް އެއްޗަކަށްނުވެއެވެ. ވީމާދެން އަހަރެމެން ދިވެހިންނަށް ޖެހިފައިވާ ކަންތައް (އިސްލާމްދީން) ވެސް ހަރުކަށި ނޫން މިންގަނޑެއްގައި ގެންގުޅެވޭނަމަ ކުޑައިކޮށް ރަނގަޅުވާނެހެން ހީވަނީ. މިކަމަކީ މާކަ ފަސޭހަ ކަމެއްނޫން، ނަމަވެސް މިހާރު މިނިސްޓަރު ކުއްޓި ނަޝީދު ދަނީ މިކަމާ ވަރަށް ގަދައަށް ހަނގުރާމަ ކުރައްވަމުން. އޭނާ އަފްރާޝީމް ޓީވީއަށް އަރުވައިގެން އުޅޭތީ އެކަމާ ދެން ދިވެހި މީޑިޔާގައި ނުބަވާކަށް ނޫހެއް ނެތޭބުނެވޭނީ. އަދާލަތުޕާޓީން އެބުނަނީ މިޔުޒިކަކީ ހަރާން އެއްޗެކޭ، ނަމަވެސް އަފްރާޝީމް އެބުނަނީ އެއީ ހުއްދަ އެއްޗެކޭ. މިދަރަޖާގައި ބަހުސްތައް އަދި މިދަނީ؛ އެކަމަކު އެކަންވެސް ޓޮލެރޭޓް ނުކުރެވި ، ހިތައްވާ ތަދަކުން އޭނާ ހިފާ ހައްޔަރު ކުރަން އެއަންގަނީ. މިހާރު ދެން ވައްހާބީ އިސްލާމް ވަރެއް ދިވެހިންނަށް ނެތް ހެން ހީވަނީ. އަފްރާޝީމް ފަހާ ތުނބުޅިމީހުން ދުވީ އޭނާ އާ އެކު އެނާގެ ކުޑަ ދަރިއެއްވެސް ހުއްޓާ، އެމީހުން ފާހާނާ ތެރޭބެދިފައި ތިބީ، އެކުޑަ ސޮރަށް ނަފްސާނީ ގޮތުން ކުރާނެ އަސަރަކަށްވެސް މިއާލާތުން ބަލާލުމެއްނެތް.

އަނެއްކާކޮބާ؟ މިއުޅޭ މުއްލާ މައުމޫނުވެސް އަދާލަތާ ދެކޮޅަށް އެބުނަނީއޭ މިއުޒިކު ހުއްދަވާނެއޭ.ބަހުސަކަށް ދަނީޔޯލަ ދެބައިމީހުން. ހައެރާމް! ބަހުސް ކުރާނެ ކަންތައް ރާއްޖޭގައި މަދީ ތޯއްޗެ.

މިމައްސަލައަށް އަލި އަޅުވާލާ އެއްޗެއް ލިޔެވޭތޯ ބަލާނަން ފަހުން. އެކަމު ދެން މިވަގުތައް އެކަން ފަސްކޮށްލާފައި މިބަލާލަނީ އިސްލާމްދީނުގައި މޮޑެރޭޓްވުން ނުވަތަ މެދުމިން ވުމާމެދު އަވަސް ނަޒަރަކުން.

އެއްމެ ފުރަތަމަ ސުވާލަކީ އިސްލާމްދީނަކީ އޭގެ މަސްދަރުތަކަށް (ދީނީ ލިޔުންތަކަށް) ބަލާއިރު އޭގެ ޒާތުގައިވެސް ހައްދުފަހަނައަޅާ ގާދޫކޮލުން ކީއްކުރަން ސިދުރަތުލް މުންތަހާއިންވެސް ބޭރަށް ގޮސް ނިމިފައިވާ ދީނެއް. މީހުން މެރުމާ، އަނިޔާވެރި ވުމާ، އަންހެނުންނަށް އިހާނެތިކޮށް ހިތުމާ މިހެން ގޮސް ކިތައްމެ ކިތައްމެ ކަމެއް. އެކަމު ހަމަ މިދީނުގައި "ލަކުމް ދީނުކުމް ވަލިޔަދީން"އާއި މިނޫންވެސް ވަރަށް ކީރިތި މޫރިތި ބަސްތައް އެބަހުރޭ. މީހުންނަށް އޯގާވެރި ވުމާ، ލޯޑު ބުއްދާގެ ފަލްސަފާގައިވާ ޒާތުގެ ސުލްހަވެރި އެތައްކަމެއް މިދީނުގައިވެސް ވޭ. ދެނޯ؟ ދެން މިވަނީ ކިހިނެއްބާ؟

އާނ، މިވާގޮތަކީ އިސްލާމްދީން އުފެދުމުގައި މައިގަނޑު ދެދައުރެއް އެބަވޭ. އެއީ މައްކީ އަދި މަދަނީ ދައުރު. މިކަމާމެދު
(ސަރ ވިލިއަމް މުއިރ އާއި ޢަލީ ދަޝްތީ ފަދަ) ވަރަށް ގިނަ އޮރިއެންޓަލިސްޓުން، އަދި މިނިވަން މުފައްކިރުން ތަފާތުއެތައް ފަހަރަކު އެތަކެއް ވާހަކައެއް ބަޔާންކޮށްފައިވޭ.

މީލާދީން 619 ވަނައަހަރު ލޯބިވާ އަނބިކަނބަލުން ހަދީޖަތުގެފާނާއި ބޮޑުބޭބެ އަބޫ ތޯލިބު މަރުވުމުން މުހައްމަދުގެފާނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ގެއްލުން ވިއެވެ. ހަދީޖަތުގެފާނު ނުވީނަމަ އިސްލާމްދީން ނުވީސްކަން ޔަގީނެވެ، އަދި އަބޫތޯލިބަކީ މުހައްމަދުގެފާނުގެ ދިފާއު ކަމުގައިވިއެވެ. ދެން މިއަށްފަހު މައްކާގެ މީހުން (އެމީހުންގެ ބޯދާ ކަމާއިވެސްއެކު) ސުލްހައިގެ ދީނެއް އަދި މުޅި ހުރިހާ އިންސާނުން އެއްބައިވަންތަކުރަން އުޅޭ، އަރަބިންގެ ބޯދާބައެއްކަންތައް (އަންހެންދަރިން ވަޅުލުންފަދަ) ރިފޯމްކުރަން އުޅޭ ދީނެއްފަތުރަން އުޅޭތީ މުހައްމަދުގެފާނު މަރާލާ ހިސާބަށް ކަންތައްތައް ގެންދިޔަ. އެހިސާބުން
(ހަބުޝްކަރައަށް ހިޖުރަކުރުމާއި ހާޝިމީން ބޮއިކަޓްކުރުންފަދަ) އެތައް އެތައް ކަންތައްތަކަކަށްފަހު އެއްމެފަހުން ހިޖުރަކުރީ މަދީނާއަށް. އާދަޔާޚިލާފު ސަޕޯޓެއް ނެތި ދެކޮޅުވެރިކަމެއް (ޚާއްސަކޮށް ޔަހޫދީންގެ ފަރާތުން) އޮތްނަމަވެސް މަދީނާމީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އިސްލާމްވެފައިވަނީ. ވީމާދެން އެތަނުގައި ދައުލަތެއްހެދީ، ހަދާ ދީނީ ކެމްޕޭނުގެ ތެރޭން ސިޔާސީ އަދި އަސްކަރީ ކެމްޕޭނު ފެށީ. ދެން އަންނަން ފެށީ ހަރުކަށި އާޔަތްތަކާ ހަދީސްތައްކަމަށްވީ. ގުރުއާނުގެ މިކަހަލަ ހުރިހާ އާޔަތެއް އައީ މިދައުރުގައި. މުހައްމަދުގެފާނުގެ ހަޔާތަށް ވަރަށް ގިނަގޮތްގޮތުން ބަދަލުއައި. ކުރިން ވަފާތެރި އެއްމެ އަނތްބަކު ގެންގުޅެފާ،ފަހުން ބައިވަރު މީހުނާ އިނދެ އަޅު އަންހެނުން ގެންގުޅެ މިޒާތުގެ ބަދަލު ތައްވެސް އައީ. ޖިހާދުކުރުން އޮތީ އެއްމެނަށް މަޖުބޫރުކޮށްފަ. މުޅި ދުނިޔެއަށް ދީން ފެތުރުމުގެ އަމުރުވެސްއައީ މިހިސާބުން. ބޭރުގެ ގައުމުތަކަށް އިސްލާމްވާށޭ ކިޔާ ސިޓީވެސް ފޮނުވީ. ދެން ހަމަ މުޅިން ހަނގުރާމައާ ސިޔާސީބައި އޮތީ އޭގެފަހުން މައިގަނޑުގޮތެއްގަ.

އެހެންވެގެން މި ފުށުއަރާ ޚިޔާލުތަކެއް މިއުޅެނީ. އުސޫލީން (ނުވަތަ ފަންޑަމެންޓަލިސްޓުން) ގެ ގޮތްތަކުގައި ހައްދުފަހަނަ އެޅުންބޮޑު. ނަމަވެސް މައުމޫނުމެން ކަހަލަ އިޚްވާނީ ، އަދި އަޝްޢަރީ ޚިޔާލުގެ އުސޫލީންގެ ތެރޭގައި އާއްމު މީހުންނާ ގުޅޭ ކަންތައް ހުންނަނީ މޮޑަރޭޓްކޮށް. މިސާލަކަށް ލަވަޖެހުން ހުއްދަވުން. ނަމަވެސް ބުރުގާއެޅުމާ، މުރުތައްދުމީހުން މެރުން ކަހަލަ ކަންތައް މިމީހުންވެސް ނަގާނީ ވަރަށް ސީރިއަސްކޮށް. ދެން މިހުރިހާބައެއް މޮޑަރޭޓްކުރަންޏާ އެއްގޮތަކީ ގުރުއާނުން ބައެއް އާޔަތްތައް ކަނޑާލުން، އަދި ހަދީސް ގަބޫލުނުކުރުން. ނަމަވެސް އޭރުން އެވެވެނީ މުރުތައްދުވެ ދީނުން ބޭރު. ދެން އޮތީ އެއްމެ ޗޮއިސްއެއް، އެއީ ރޫހާނީ ގޮތެއްގައި އިސްލާމްދީނާމެދު ދެކުން. މިސާލަކަށް ސޫފީން އެގެންގުޅޭ އުސޫލުތައް. އެއީ ކުރިން ދިވެހިންގެމެދުގައިވެސް ބޮޑަށް މަގުބޫލު ވައްތަރަކީ. ކުރިން ރާއްޖޭގައި އޮތީ އިސްލާމްދީނުގެ ރިމިކްސް އެއް. އެއީ ސުލްހަވެރި ވައްތަރެކޭބުނެވޭނީ. އެކަމު މައުމޫނަށް ކިޔެވުނީ މިސްރުން އޭނައަށް ކަމުދިޔައީ ބިންލާދިންއަށް ވެސް ކަމުދިޔަ އިސްލާމީ މުފައްކިރުން. އެހެންވެ އޭނަ އައިސް ނަދުރު ބުނުން މަނާކޮށް، ޒިޔާރަތްތައް ތަޅާ ސުންނާފަތިކޮށް، ބުރުގާއެޅުން ޕްރޮމޯޓުކޮށް (މިކަން ކުރިކަމަށް ފެންނަނީ އޭނާއަށް ސަޕޯޓްކުރި މުއްލާއިންގެ ބާރުންކަމަށް ބެލެވެނީ . މިއީ އޭނާ ޕަރސަނަލީ މާގަޔާވާކަމެއްކަމަކަށް ނުފެނޭ) ވަޖިދުވުން މަނާކޮށް، މާލޫދުކިޔުން މަނާކޮށް "ދިވެހި އިސްލާމް" ދީން މަރާލީ.

އެހިސާބުން ފެށުނީ އުސޫލީ (ފަންޑަމެންޓަލިސްޓު) ދައުރު. އުސޫލީއެއް ނަމަވެސް މައުމޫނަކީ އިޚްވާނީ ފިކުރުގެމީހަކަށްވާތީ އޭނާ މީހުންގެ ބޮލަށް ވެއްދީ ޖިހާދު ކުރެވޭނެ ކަމަށް އެކަމު ސަރުކާރުގެ ދަށުން ކަމަށް. ވައްހާބީންނާ މާ ގަޔާވާ މީހަކަށް އޭނާ ނުވީ ސިޔާސީ ސަބަބުތަކަށްޓަކައިކަމަށް ބެލެވެނީ. އެކަމު ދެން ވީގޮތަކީ މައުމޫނީ އިސްލާމްގައި ޖަވާބު ނުލިބޭ ސުވާލުތައް ގިނަވީ. އޭގެން އަޅާދިން އުސޫލީ ބިންގާގެ މަތީގައި ބިނާ ކުރާނެވަރަށް ގާ ނެތުނީ. މިހިސާބުން ދިވެހި ޒުވާނުން އެނބުރިގަތީ ސައުދީ އަރަބިއްޔާއިން ސްޕޮންސަރ ކޮށް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ޑިސްޓްރިބިއުޓް ކުރާ ވައްހާބީ އިސްލާމް އަށް. އަދި މަތީމަޖިލީހުގެ ވެރިން އަޑީގައި ތިބެގެން ޕާކިސްތާނާ ސައުދީއަށް ދިވެހި ކުދިން ފޮނުވުމަށް ހިއްވަރުދެމުން ދިޔައީ. ސައުދީއިން އަހަރަކު ހައެއްކަ ދިވެހިންނަށް މަދީނާ ޔުނިވަރސިޓީން ހިލޭ ކިޔަވާދޭން ފެށީ. ދެން ވަހާބީން ގިނަވެ އޭގެން ކަފި ކަފި ފަޅާ ޖިހާދީންނާ ބިންލާދިން ގުރޫޕުވެސް އުފެދުނީ. މިހާރު ކުއްޓި ނަޝީދު ކުރައްވަން އެ އުޅުއްވާކަމަކީ ދިވެހި އިސްލާމް އަލުން ދިރުވުން. އުސޫލީ މިންގަނޑުތަކުގެ ތެރެއިން "ދިވެހި އިސްލާމް" އަލުން އުފެއްދުމަށް ޑރ.އަފްރާޝީމް ލައްވާ އެ އުޅުއްވަނީ.

ނަމަވެސް އަހަރެން ދެކޭގޮތުގައި ދެން އިތުރަށް ދިވެހި ރައްޔިތުން ވާވެއްދުމުގެ ބަދަލުގައި މިނިވަންކަމާއެކު އިސްލާމްދީނާ މެދު ފާޑުކިޔުމުގެ ފުރުސަތު ހުޅުވާލުން މާރަނގަޅުވާނެ. ދީން ރިފޯމް ކުރީމާ ދީން އެ ބަދަލު ކުރެވެނީދޯ؟ ދީން ބަދަލުކުރީމާ އެހިސާބުން އިސްލާމްދީން އެ ދިޔައީ. އިސްލާމްދީނަކީ ފުރިހަމައަށް ބާވާލެއްވިދީނެއް. ދީނުގެ އެއްބައިކަންތަކުގައި ހިފާ އަނެއްބައި ދޫކޮށްލީމާ މީހާ ކާފަރުވާނެ. މިބުނީ މިސާލަކަށް އަސްކަރީ ޖިހާދުކޮށް ދީން ފެތުރުން ނުވަތަ ދީނުގެ މައިގަނޑު އަމުރެއް އެއީ ނެތްކަމެކޭ ބުނެފިނަމަ.

ރޭޑިޔޯއިން ގައިމު ބުނޭ "ތިޔަ ބޭފުޅުންގެ ފާޑުކިޔުމަކީ އަޅުގަނޑުމެންގެ ކުރި އެރުމޭ" . ނަމަވެސް އިސްލާމްދީން ކަހަލަ 'ފުރިހަމަ' ދީނެއް ކުރިއަރާކަށް ދެން ތަނެއް ނެތްވިއްޔާ، ދެން ކުރާނެ ބަހުސްވެސް ނެތެންނު. ގަދަބާރުން (އެއްމެފުރަތަމަ) އަދި ނުބައި ނަސީބުން (މިހާރު) ވިޔަސް މިތިބީ އެދީނަށް ވަދެވިފައެވެ. ދެން ނިކުމެވޭނީ ބޯ ކަނޑާލެވިގެން. ނަމަވެސް މިއީ މިޒަމާނުގައި މީހުންގެ ވިސްނުން ހުންނާންވީ ދަރަޖައެއްނޫން ދެއްތޯ؟ މިހާރު މިޒަމާނުގައި އިސްލާމްދީނަކީ ފުރިހަމަ ދީނެއްކަމަށް ބުނަންޏާ އެކަން ސާބިތު ކޮށްދޭންޖެހޭނެ. އެކަމާ މިނިވަންކަމާއެކު ބަހުސްކޮށް ވާހަކަދެއްކުމުގެ ފުރުސަތު އޮންނަން ޖެހޭނެ. އަދި އެބައޮތޭ އެއްވާހަކަ ނިންމާލުމުގެ ކުރިން، އެއްފަހަރުވެސް ވިސްނާލިންތާ، އަސްލު އެއްމެ ރަނގަޅު އިސްލާމްދީނަކީ ކޮބައިތޯ؟ އެތައް ސަތޭކަ ވައްތަރެއް އެބަހުރި، އޭގެން ހިޔާރު ކުރާނީ ކޮން ބްރޭންޑެއްތޯ؟ އަދި އިޚްތިޔާރު ކުރެއްވި ކުރެއްވުން ޖަސްޓިފައިކުރައްވާނީ ކިހިނެއްތޯ؟ އެހެން ވައްތަރެ ހިޔާރު ނުކުރައްވަނީ ކީއްވެތޯ؟ ގުރުއާނުގެ ނުވަތަ ސުންނަތުގެ ތެދުކަން އެނގެނީ ކިހިނެއްތޯ؟ ޚިޔާލީ ވާހަކަތަކެއް ދިރިއުޅުމުގެ އަސާސެއްކަމުގައި ހަދައިގެން މި އުޅެނީ އަޅެ ތިމާގެ އަގީދާ ނުވަތަ ގަބޫލުކުރާ ކަންތަކާމެދު (ހެއްކާއި ބުއްދިކުޅައުމުގެމަގުން) ކިހާ ޔަގީންކަމެއް އޮވެގެންބާއޭ ހިތައްއަރާ ސަހަރޯހީވާ ފަހަރުވެސް އާދޭ. އޫސީކުމް ބޫސީކުމް ވައަލާކުއްލިނަފްސިކުމް، ކޮން ފަދަޔަކުމް، ލާއިލާހަ ފީކުއްލިމަކާން. ސޮދަގަލޯހުލްއަލީމް.
އ

3 comments:

Anonymous said...

LOL. hee hee halaaku vejje ma.

Anonymous said...

beynunvanee amilla visnumun islam dheen ugenumah masakkai kurun. thihen hama hithha aihaa ehcheh lyunakas nuvaane. islam dheenuge aslu thakaa hukumthaa echehih varah rangalaha document kureivfa huree..orientalsitunge maskkathakah vefa othee islam dheen nubaimees kurun. nubai niyathehgai feshi kamehga kon objectiveness eh hunnaanee? keerithi quran gai insaanage sinkudi beynun kurumah ethah faharaku baaru alhuvvafaivey. thiya faraathah ketheri kamaa hidhaayathaa thedhu magu dhekkevun edhi dhua kuran. (hageegaguthai hageegai ingey meehakah saafu koh ingeyne fadhain mi article gai hagguge magah varah bodah nikamethi koh hithaafia vey..aharen gaboolu kuraanee eyee hama neygumuge therein vefai vaa kamekey...so stop being ignorant, use your time to learn about islam..pray Allah and be patient and steadfast)..

Kalar said...

This comment has been removed because it linked to malicious content. Learn more.